ކުރީގެ ދިފާއީ ވަކީލު އިހުމާލުވުމުން ތަހުމީނަށް އަލުން ހެކި ހުށަހަޅަން ފުރުސަތު ދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ ތަހުމީން ކްރިމިނަލް ކޯޓުން ގެންދަނީ -- އަދަދު ފޮޓޯ/ ހުސެއިން ޝަޔާހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ ތަހުމީން ކްރިމިނަލް ކޯޓުން ގެންދަނީ -- އަދަދު ފޮޓޯ/ ހުސެއިން ޝަޔާހު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ތަހުމީން އަހުމަދުގެ ކުރީގެ ވަކީލެއްގެ އިހުމާލުން އޭނާއަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުމުން، އިތުރު ފުރުސަތެއް ޝަރީއަތުން މިއަދު އޭނާއަށް ދީފި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި ފަހުމީ އަލީގެ ޝަރީއަތްތަކެވެ.

އެ މައްސަލަ ކުރިން ބެލި ބެންޗު އުވާލުމުން ހަވާލުވި ގާޒީ ސޮފްއަތު ހަބީބު ނިންމާފައި ވަނީ އޭނާ ހަވާލުވުމުގެ ކުރިން ޝަރީއަތް ހިނގާފައި އޮތް ހިސާބުން ކުރިއަށްގެންދާށެވެ. މީގެ ކުރިން މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިންމާލާފައިވާއިރު، މިއަދު އޮތީ ހެކިބަސް ނަގަން ފަށަން ބޭއްވި އަޑުއެހުމެކެވެ.

އެ މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ދިފާއީ ހެކި ހުށަހަޅަން ދިން މުއްދަތު ތެރޭގައި ތަހުމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ނުވެ އެވެ. އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނި ގޮތުގައި ހެކި ހުށަނޭޅުނީ އޭނާގެ ކުރީގެ ވަކީލެއްގެ އިހުމާލުންނެވެ.

އެ އިހުމާލަށް އިއުތިރާފުވެ، ތަހުމީންގެ ކުރީގެ ވަކީލު ވަނީ އެކަމުގެ ސަބަބުން ތަހުމީނުގެ ހައްގެއް ގެއްލޭތީ ހެކިތައް ބަލައިގަތުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވައިފަވެ އެވެ.

ތަހުމީންގެ މިހާރުގެ ދިފާއީ އެއް ވަކީލު ހަމްޒާ ލަތީފު މިއަދު ވިދާޅުވީ، ކުރީގެ ވަކީލު ގާތުގައި ހެކި ހުށަހެޅުމުގެ ވާހަކަ ދެއްކުމުން މުއްދަތު އޮތް ކަމަށް ބުނަމުން ދިޔަ ކަމަށެވެ. އަދި ހެކި ހުށަހެޅޭނެ ކަމަށް ތަހުމީންއަށް ލަފާދެމުން ދިޔަ ކަމަށެވެ.

ހަމްޒާ ވިދާޅުވި ގޮތުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނީ ހެކި ހުށަހެޅޭނެ އެންމެ ފަހު ތާރީހު އެ ވަކީލަށް އޮޅިގެންނެވެ.

ވަކީލުގެ އިހުމާލު އޮތްކަން ތަހުމީންގެ ފަރާތުން ފާހަގަކުރުމުން ދައުލަތުން ދެކޭ ގޮތެއް ބަލަން ޝަރީއަތުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލުން އެދުނީ މަޝްވަރާކުރަން ޝަރީއަތް ކުޑަވަގުތުކޮޅަކަށް މެދުކަނޑާލުމަށެވެ.

އެ މެދުކެނޑުމަށްފަހު ދައުލަތުން ބުނީ، ވަކީލުގެ އިހުމާލުގެ ސަބަބުން ތަހުމީންގެ ހައްގަކަށް އުނިކަން އަންނާތީ އަލުން ހެކި ހުށަހަޅަން އޭނާއަށް ފުރުސަތު ދިނުމަށް އިއުތިރާޒެއް ނެތް ކަމަށެވެ. އެކަމަކު، އެ ފުރުސަތު ދެއްވި ނަމަވެސް، އޭނާގެ ފަރާތުން ހުށަހަޅާ ހެކިތަކާ ގުޅިގެން ދައުލަތަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދެއްވުމަށް އެދުނެވެ.

ތަހުމީންގެ ފަރާތުން މިއަދު ހަ ހެކިން ހުށަހަޅިއިރު، އެ ހެކިތައް ހުށަހަޅާފައި ވަނީ ދެ ކަމެއް ސާބިތުކުރުމަށެވެ. އެއީ 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޭނާ ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން މިސްކިތެއްގައިކަމާއި އޭނާ އަކީ ސައިކަލެއް ގަތުމުގެ ގާބިލުކަން ނެތް މީހެއްކަން ސާބިތުކުރުމަށެވެ.

ދައުލަތުގެ އިއުތިރާޒެއް ނެތުމުން ގާޒީ ސޮފްއަތު ހަބީބު ނިންމެވީ، ހެކި ހުށަހެޅުމަށް އަލުން ފުރުސަތު ދިނުމަށެވެ. އަދި އެ ހެކިތަކާ ގުޅިގެން ދައުލަތުން ހުށަހެޅުންތައް ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް ދެއްވި އެވެ.

ދެން މި މައްސަލައިގައި އޮންނާނީ ތަހުމީންގެ ހެކިތަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަދެއްކުމަށާއި ގޮތެއް ކަނޑައެޅުމެއް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހަށެވެ.

ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ.

ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް އަމަލީ ގޮތުން ހަރަކާތްތެރިވި އަދުހަމް މުހައްމަދު ދައުލަތާ އެކު އެއްބަސްވުމެއް ހަދައި ކުށަށް އިއުތިރާފުވުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ކޮށްފައިވާ ދައުވާތައް:

  1. ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
  2. މުޖާޒު އަހުމަދު : ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
  3. އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
  4. އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
  5. ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
  6. މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox