މިދިޔަ އަހަރާ އަޅާ ބަލާއިރު, މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމަން ހޭދަވި އެވަރެޖު މުއްދަތު ކުޑަވެފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން މިއަދު ބުނި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު އެ ކޯޓުގެ މައްސަލައެއް ނިންމުމަށް އެވަރެޖުކޮށް ހޭދަނީ 34 ދުވަހެވެ. އެކަމަކު، މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމުމަށް އެވަރެޖުކޮށް ހޭދަވެފައި ވަނީ 20 ދުވަސް ކަމަށް އެ ކޯޓުން ބުނެ އެވެ.
އެހެންވެ، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މައްސަލަތައް ނިންމުމުގެ އަވަސްމިނުގައި 41 ޕަސެންޓު ކުރިއެރުމެއް އެ ކޯޓަށް ވަނީ ލިބިފަ އެވެ.
އެ ކޯޓުން ބުނި ގޮތުގައި އެއީ މައްސަލަތައް ހައްލު ކުރުމަށް ސުލްހަ މަރުހަލާގައި ހޭދަވާ މުއްދަތާއި ހަޟާނާތުގެ މައްސަލަތައް ފަދަ އާންމުކޮށް ގިނަ ދުވަސްވާ މައްސަލަތައް ވެސް ހިމެނޭ ގޮތަށް އެވަރެޖުކޮށް ހޭދަވި މުއްދަތެވެ.
ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މި އަހަރު އެންމެ އަވަހަށް ނިންމަމުންދަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަލަތަކެވެ. އެފަދަ މައްސަލަތައް ނިންމެނީ އެވަރެޖުކޮށް ހަ ދުވަހުގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެފަދަ މައްސަލަތައް ނިމިފައި ހުރީ އެވަރެޖުކޮށް 11 ދުވަހުގެ ތެރޭގަ އެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭ މައްސަލަތައް މި އަހަރުގެ ފުރަތަމަ ތިން މަހު އެވަރެޖުކޮށް 13 ދުވަހުގެ ތެރޭގައި ނިންމަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެފަދަ މައްސަލަތައް ނިންމަން އެވަރެޖުކޮށް 19 ދުވަސް ހޭދަވި އެވެ.













