ޑްރަގް މައްސަލައެއްގައި މީގެ ފަސް އަހަރު ކުރިން ލަންކާއިން ހައްޔަރު ކުރި ދިވެއްސަކު ހަތް އަހަރަށް ޖަލަށްލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒިދާން އިބްރާހިމް ނަމަކަށް ކިޔާ ދިވެއްސަކު ހައްޔަރު ކުރީ އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ ގުޅަތަކެއް ފެނިގެންނެވެ.
މެއި 18، 2018 ގައި އޭނާގެ މައްޗަށް އެ މައްސަލައިގައި ކުރި ދައުވާއާ ގުޅިގެން އޭނާ ހަތް އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ކުރީ ކޮލޮމްބޯ ހައި ކޯޓުންނެވެ.
ލަންކާ ފުލުހުންގެ އޮގަނައިޒްޑް ކްރައިމް ޑިވިޝަންގެ ސްޕެޝަލް ޓާސްކް ފޯސްއިން ކުރިއަށްގެންދިޔަ ރެއިޑެއްގައި އޭނާ ހައްޔަރު ކުރީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ދެހިވާލާގެ ނެދިވާލާއިންނެވެ.
މީގެ ކުރިން ވެސް ލަންކާގައި ޑްރަގް މައްސަލަތަކުގައި ދިވެހީން ހައްޔަރުކޮށް ޖަލަށްލާފައިވެ އެވެ. އަދި، އެފަދަ މައްސަލަތަކުގައި ދިވެހިން ލަންކާގައި އުމުރަށް ޖަލަށްލާފައި ވެސް އެބަ ހުއްޓެވެ.














