ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކީމޯތެރަޕީގެ ހިދުމަތް އާދީއްތަ ދުވަހު ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި ކީމޯތެރަޕީ ދިނުމަށް ހަމަޖެހިފައި ވަނީ އެމަޖެންސީ ރެސްޕޮންސް ޑިޕާޓްމަންޓުގެ ތެރޭގަ އެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ, ހަ އެނދުގެ ކެޕޭސިޓީއެއް ހުންނަ އެ ހޮސްޕިޓަލުގެ އީއާރްގައި ދެ ކޮޓަރިއެއް ހުންނަ ކަމަށާއި ކީމޯތެރަޕީގެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ އެ ދެ ކޮޓަރީގައި ކަމަށެވެ.
އީއާރް ތެރޭގައި ކީމޯތެރަޕީ ދިނުމުގެ ބޭނުމަކީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް އިތުރު ފަރުވާ ފަސޭހައިން ދެވޭނެ އިންތިޒާމް އީއާރްގައި ހަމަޖެހިފައި ހުރުން ކަމަށް ތިނަދޫ ހޮސްޕިޓަލުން ބުނެ އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށާފައިވާއިރު ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ތިނަދޫ ހޮސްޕުޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެއާއެކު ހުވަދު އަތޮޅުގައި ތިބި ކެންސަރު ބައްޔަށް ފަރުވާކުރާ ބަލިމީހުންނަށް ފަރުވާ ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކީމޯތެރަޕީގެ ހިދުމަތް އިފްތިތާހުކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ ކީމޯގެ ހިދުމަތަކީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.













