ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒަށް ރިޓަޔާމަންޓުގެ ގޮތުގައި ދޭންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ކަރެކްޝަންސްއިން ދިނުމުން އެ ހިދުމަތާ ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ޑިސެމްބަރު 25، 2018 އިން ފެށިގެން ޖެނުއަރީ 21، 2020 އާ ހަމައަށް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު އަދާކުރެއްވި މުނާޒު އެ މަގާމުން ވަކިކުރުމުން އެ މަގާމު އަދާ ކުރާ މީހުންނަށް ލިބެން ޖެހޭ ރިޓަޔަމަންޓް ފައިސާ ކަރެކްޝަންސްއިން އޭނާއަށް ހަމަޖައްސާދީފައި ނުވެ އެވެ. އެއީ އޭނާ ކުރިން ސިފައިން ގެއިން ރިޓަޔާވުމުން އެކަމުގެ ރިޓަޔަމަންޓް ފައިސާ ވެސް ލިބެމުންދިޔުމުންނެވެ.
އެ މައްސަލައިގައި މުނާޒު ސިވިލް ކޯޓުގައި ކަރެކްޝަންސްއ ދެކޮޅަށް ދައުވާކުރުމުން އޮކްޓޯބަރު 31، 2022 ގައި އެ ކޯޓުން ހުކުމް ކުރީ އެ ދެ ރިޓަޔަމަންޓުގެ ތެރެއިން އޭނާ ބޭނުން ރިޓަޔަމަންޓެއް އިހްތިޔާރު ކުރެވޭނެ ކަމަށެވެ.
އެކަމަކު، ކަރެކްޝަންސްއިން ހުކުމާ އެއްގޮތަށް ފައިސާ ހަމަނުޖައްސައިގެން މިދިޔަ ޑިސެމްބަރު 27، ގައި މުނާޒުގެ ފަރާތުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކަރެކްޝަންސްއާ ދެކޮޅަށް ހުށަހެޅި އެވެ.
އެ މައްސަލައިގައި މި މަހު ބޭއްވި އަޑުއެހުމުގައި މުނާޒުގެ ފަރާތުން ބުނެފައި ވަނީ އޭނާއަށް ކަރެކްޝަންސްއިން ދޭން ޖެހޭ ފައިސާ، ހުކުމާ އެއްގޮތަށް އެ އިދާރާއިން ދީފައިވާ ކަމަށެވެ. އެހެންވެ، ދައުވާ އަނބުރާ ގެންދަން އެދުމުން މި މަހުގެ ތިން ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ކަރެކްޝަންސްގެ ރިޓަޔާމަންޓް ގަވައިދުގައި އޮންނަ ގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު އަދާކޮށްފައިވާ މީހަކު ރިޓަޔާ ކުރުމުން އޭނާގެ ރޭންކަށް ކަނޑައަޅާފައިވާ މުސާރަ 30 އަހަރަށް ގުނަކޮށްފައި ގަނޑުކޮށް ދޭން ޖެހެ އެވެ. އޭގެ އިތުރުން ލިބެމުންދިޔަ މުސާރައިގެ 75 ޕަސެންޓު ކޮންމެ މަހަކު ދޭން ޖެހެ އެވެ.
އެހެންކަމުން މުނާޒަށް ކަރެކްޝަންސްއިން ރިޓަޔަމަންޓުގެ ގޮތުގައި ދޭން ޖެހެނީ:
- ގަނޑުކޮށް އެއްފަހަރާ 1،050،000ރ.
- މަހަކު 26،250ރ.
މުނާޒު ސިފައިން ގޭގައި މަސައްކަތް ކުރެއްވީ 1987 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށެވެ. އޭރު ހުންނެވި މަގާމުން ރިޓަޔާކުރެއްވުމުން 323،952ރ. ގަނޑުކޮށް ލިބުމުގެ އިތުރުން މަހަކު ގާތްގަނޑަކަށް 8000ރ. ލިބެމުން ދިޔަ އެވެ.
ކަރެކްޝަންސްއިން ސިވިލް ކޯޓުގައި ބުނީ އޭނާއަށް ކޮމިޝަނާ އޮފް ޕްރިޒަންސްގެ ރިޓަޔަމަންޓް ދީފި ނަމަ ދައުލަތުގެ ދެ އިދާރާއިން ރިޓަމަންޓް ފައިސާ ލިބޭނެ ކަމަށާއި އެކަން ވާނީ ނުހައްގު މުއްސަނދިކަމެއް ދިނުމަށް ކަމަށެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ވެސް ވަނީ ދެ ރިޓަޔާމަންޓު ދިނުމަކީ ނުހައްގު މުއްސަނދިކަމެއް ދިނުމަށް ވާނެ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ހުކުމް ކުރީ މުނާޒަށް ދެ އިދާރާއިން ލިބޭ ރިޓަޔާމަންޓުގެ ތެރެއިން އޭނާއަށް އެންމެ ފައިދާ ބޮޑު ރިޓަޔާމަންޓު ދޭންޖެހޭ ކަމަށެވެ.
މުނާޒު ސިފައިންގޭގައި ކުރެއްވި ހިދުމަތަށް ލިބޭ ރިޓަޔާމަންޓު ދޫކޮށްލައްވައި، ކަރެކްޝަންއިން ގަނޑުކޮށް ދޭން ޖެހޭ ފައިސާ އާއި މަހުން މަހަށް ލިބޭ ފައިސާ ހޯދަން އެދިއްޖެ ނަމަ އެ ފުރުސަތު ދޭންވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން މުނާޒު ވަކި ކުރީ މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައި އޮފިސަރުން ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި އޮއްވަ އެވެ. މުނާޒު މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް އައްޔަން ކުރީ މިހާރުގެ ސީޕީ އަހުމަދު މުހައްމަދު ފުޅެވެ.












