ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާގެ ދެ އެޕާޓެމެންޓެއްގެ އިންފާރު ތަޅާލައި، އެއްކޮށްލުމުން، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެއީ ކޮން ދެ އެޕާޓްމެންޓެއް ކަމެއް އާބަންކޯއިން ހާމައެއް ނުކުރެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ އެކަން އެ ސަމާލުކަމަށް އައީ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. މައްސަލަ ބެލުމަށްޓަކައި ދެ އެޕާޓްމެންޓަށް ޒިޔާރަތްކުރުމުން ގަވާއިދާ ހިލާފު ބަދަލުތައް ގެނެސްފައި ހުއްޓެވެ.
އާބަންކޯއިން ކަނޑައަޅާފައިވާ ގޮތުގައި ހިޔާ ފްލެޓުގެ އިމާރާތުގެ ސްޓަރަކްޗާއަށް ބޮޑު ބަދަލެއް ނުގެނެވޭނެ އެވެ. އެހެންވެ، ދެ އެ އެޕާޓްމެންޓެއް އައްކޮށްލުމަކީ ހުއްދަ އޮތް ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހިޔާގެ ކޮންމެ ފްލެޓަކީ ދެ ކޮޓަރި އެވެ. އިންފާރު ތަޅާލުމަށް ފަހު ދެ ފްލެޓު ވަނީ ހަތަރު ކޮޓަރީގެ އެއް ފްލެޓަށް ބަދަލުކޮށްފަ އެވެ.

އެހެންވެ، އެ ދެ އެޕާޓެމެންޓެއްގެ ވެރިފަރާތް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސްތެރޭގައި ފައިސާ ދެއްކުމަށް ވަނީ އަންގައިފަ އެވެ. އެއީ ޖުމުލަ ދެ ލައްކަ ރުފިޔާ އެވެ.
އެ ޖޫރިމަނާ ހަލާސް ނުކޮށްފި ނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހިޔާ ފްްލެޓުތައް ފިނިޝިން މަސައްކަތް ނުނިންމައި ހަވާލުކުރުމާ ގުޅިގެން ފްލެޓުގައި ދިރިއުޅެން ފެށީ އަމިއްލަ އަށް އެތަންތަނުގެ ފިނިޝިން މަސައްކަތް ނިންމައިގެންނެވެ.












