އެސްއޯއީތަކުގެ މުވައްޒަފުން ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ބަލަންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކުރިމަތިން ބަޔަކު ހިނގާފައި ދަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކުރިމަތިން ބަޔަކު ހިނގާފައި ދަނީ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބަލަންޖެހޭނީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ވެމްކޯގެ ކުރީގެ އެމްޑީ މުހައްމަދު ޝިފާއުގެ މައްޗަށް ދައުލަތުން ކުރި ކޮރަޕްޝަންގެ ދައުވާއެއް ބޭރުކޮށްލަން ނިންމި ނިންމުމެއްގެ އިސްތިއުނާފުގަ އެވެ. އެއީ ވެމްކޯއަށް ނުއަގުގައި ބާ ވެހިކަލެއް ގަތް މައްސަލައެއްގަ އެވެ.

އެ މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު 11، ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ ޝިފާއުގެ މައްޗަށް ކުރި ދައުވާ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއީ އެއް ކުށެއް ދެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ހާލަތުގައި އަމަލު ކުރަން ޖެހޭ އުސޫލާ ހިލާފު ކަމަށް ބުނެ އެވެ. އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި އެވެ. ޝިފާއުގެ މައްޗަށް ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުރި ދައުވާގައިވާ ކުށަކީ ގާނޫނުލްއުގޫބާތުގައި ވެސް ބަޔާންކޮށްފައިވާ ކުށެކެވެ.

ގާނޫނުލްއުގޫބާތުގައި އޮންނަނީ އެ ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހާލަތުގައި އިސްކަންދޭނީ ގާނޫނުލްއުގޫބާތަށް ކަމަށެވެ.

އޭގެ އިތުރުން ހާއްސަ ގާނޫނުތަކެއް ބަޔާންކޮށް، އެއިން ގާނޫނެއްގައިވާ ކުށަކާއި ގާނޫނުލްއުގޫބާތުގައިވާ ކުށަކާ ފުށޫއަރާ ނަމަ އިސްކަން ދޭން ޖެހޭނީ ހާއްސަ ގާނޫނަށް ކަމަށް ބުނެފައިވެ އެވެ.

ދައުލަތުން ހައި ކޯޓުގައި ބުނި ގޮތުގައި ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރީ ގާނޫނުލްއުގޫބާތުގައި "ދައުލަތުގެ މުވައްޒަފުން" ގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭތީ އެވެ. އެހެންވެ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދައުވާ ކުރެވޭނީ ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

ޝިފާއުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ، މި މައްސަލައިގައި ހިމެނޭ ކުށަކީ ދެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކުށެއް ކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. އަދި ހަމައެކަނި ހިލާފު އޮތީ ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރޭގައި އެސްއޯއީތަކުގެ މުވައްޒަފުން ހިމެނޭތޯ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތުގައި "ދައުލަތުގެ މުވައްޒަފުން" މާނަކޮށްފައި ވަނީ ކަނޑައެޅިގެން ސަރުކާރުގެ މުސާރަ ލިބޭ މުވައްޒަފުންގެ ތެރެއިން ވަކި ބަޔަކު އިސްތިސްނާވާ ގޮތަށް ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ދައުލަތުގެ މުވައްޒަފުން ގާނޫނުލްއުގޫބާތުގައި މާނަކޮށްފައިވާއިރު، އެ މާނައިގެ އިބާރާތުގައި މުވައްޒަފުންގެ ގިންތިތައް ޖުމްލަކޮށް ބަޔާންކޮށްފައި އޮތުމުންނާއި ދެ ޖުމްލަ ނިމެނޭ ތަނުގައި "ހިމެނޭ ގޮތަށެވެ" އާއި "މީހުން ވެސް ހިމެނޭ" މިހެން އޮތުމުން ވެސް، ގާނޫނުގެ މަގްސަދަކީ ސަރުކާރުގެ ވަކި މުވައްޒަފުންތަކެއް އެއިން އިސްތިސްނާ ކުރުން ނޫން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައި ވަނީ ދައުލަތުގެ މުވައްޒަފުންގެ ތެރޭގައި ގާނޫނުން އުފައްދާ އެކި މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތައް ވެސް ހިމެނިގެންދާނެ ކަމަށެވެ. އަދި އެއީ ދައުލަތުގެ އަސާސީ މަގުސަދެއް އަދާ ކުރުމަށް އުފައްދާފައިވާ ތަންތަނުގެ މުވައްޒަފުން ކަމަށް ބެލެވޭނެ ކަމަށް ވެ އެވެ.

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ދައުލަތުގެ މުވައްޒަފުންގެ ތެރޭގައި ނުހިމަނާ ނަމަ އެއް ކުށެއްގައި އެއް ބަޔަކަށް ލުއިތަކެއް ލިބިފައި އަނެއް ބަޔަކަށް ބުރަވެދާނެކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދިފާއުވުމާއި އަދަބު ކަނޑައެޅުމުގައި ވެސް ތަފާތު ހުންނާނެކަން ފާހަގަކުރި އެވެ.

"... ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ މީހުން ހިންގާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ އަމަލުތަކަށް ލުއި އަދަބު ލިބިގެންދާއިރު، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެފަދަ ކުށްތަކާ ގުޅިގެން ބުރަ އަދަބެއް ލިބިގެންދިޔުން،" ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ނިންމީ ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށް ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ. އޭގެ އިތުރުން، ގާނޫނުލްއުގޫބާތުގެ ދަށުން އެ މައްސަލައިގައި އަލުން ޝިފާއުގެ މައްޗަށް ދައުވާ ކުރުމަށް ހުރަހެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ނިންމި އެވެ.

ފަނޑިޔާރު މަހާޒު އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި އޭނާގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު ތާއީދުކުރެއްވި އެވެ.

ޝިފާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުުމުގެ ދައުވާ ކުރީ ޑިސެމްބަރު، 2017، ގައި އޭނާ ވެމްކޯގެ އެމްޑީއަކަށް ހުންނެވި އިރު އެ ކުންފުންޏަށް އާ ޑަމްޕް ޓްރަކެއް ގެނައުމަށް އޭނާއާ ވިޔަފާރީގެ ގުޅުން އޮންނަ މީހަކާއެކު އެއްބަސްވުމެއް ހެދި ކަމުގެ ތުހުމަތުގަ އެވެ.

ދައުލަތުން ބުނާ ގޮތުގައި ޝިފާއުއާ ގުޅުން އޮންނަ ފަރާތަކުން އޭނާ ވެމްކޯއަށް ހޯދީ އެނގި ހުރެ ބާ ޓްރަކެކެވެ. އަދި ވެމްކޯއަށް އެ ވެހިކަލް ވިއްކީ ނުއަގުގައި ކަމަށް ވެސް ދައުލަތުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox