ވިނަރެސް މަޝްރޫއު އިން ފްލެޓް ގަތުމަށް އެދި ފޯމު ހުށަހެޅި މީހުންގެ މުރާޖައާކޮށްފައިވާ ލިސްޓުގައި ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރު ނެގުމަށް ފަހު ލިސްޓު އާންމުކޮށްފި އެވެ.
އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ޕޮއިންޓް އެއްވަރުވި މީހުންގެ ގުރުއަތު ނެގުން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފަހުން، ހައުސިން މިނިސްޓްރީން ވަނީ އެޕްލިކޭޝަނެއް މުރާޖައާ ކުރުމަށް ފަހު، އެ ފޯމު ހުށަހެޅި ފަރާތް ވެސް ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ލިބިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ.
އެހެންކަމުން ދެން އެންމެ އިންސާފުވެރި ގޮތަކީ އެ އެޕްލިކޭޝަން ވެސް ހިމެނޭ ގޮތަށް ޕޮއިންޓް އެއްވަރުވެފައިވާ ހުރިހާ މީހުންގެ މެދުގައި އަލުން ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށް ފެންނާތީ މިދިޔަ އާދީއްތަ ދުވަހު އަލުން އެ އިވެންޓް ބޭއްވި އެވެ.
"މި އިއުލާނާއެކު ލިސްޓުގައި ހިމެނޭ މާލޭގައި ރަށްވެހިފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން 42 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ގުރު ނެގުމަށް ފަހު ތަރުތީބު ކަނޑައެޅިފައިވާ ލިސްޓު އާންމު ކުރަމެވެ. އަދި ވިނަރެސް އެޕާޓްމަންޓް އިހުތިޔާރު ކުރުން މި ކޯޕަރޭޝަނުން ކުރިއަށް ގެންދާނީ މި އިއުލާނާއެކު ޝާއިއުކުރެވޭ ލިސްޓާއެކުގަ އެވެ،" އާބަންކޯގެ އިއުލާނުގައިވެ އެވެ.
ވިނަރެސްގެ 1344 ހައުސިން ޔުނިޓްގެ ތެރެއިން، އާންމުކުރި ލިސްޓުގައިވާ މީހުނަށް ޔުނިޓް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނީ ހިޔާ، ސީލައިފް އަދި، ގުޅީފަޅު ކެޓަގަރީގެ މީހުން އިހުތިޔާރުކުރާ ޔުނިޓުތައް އުނިކޮށް ބާކީވާ ޔުނިޓްތަކުން ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

ވިނަރެސް އަކީ އާބަންކޯއިން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.
އެ ޓަވަރުތަކުގައި ހުންނަނީ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.
"މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" މޮޑެލްއަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ.











