އިންދިރާ ގާންދީން މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކުރި އުމުރުން ދުވަސްވީ އަންހެންގެ ގަޔަށް ޖެހި އިންޖެކްޝަނެއް ޖެހި ފަހުން އޭނާގެ އަތުގެ އިނގިލިތައް މަރުވެ، އެކަމުގެ ސަބަބުން ބޮޑެތި އެހެން ގެއްލުންތައް ވެއްޖެ އެވެ.
އެ ބަލިމީހާ އޭޑީކޭއަށް ބަދަލުކޮށް، މަރުވި އިނގިލިތައް ބުރިކޮށްލި ފަހުން މިހާރު ވަނީ ނިޔާވެފަ އެވެ. އެހެން ނަމަވެސް އޭނާ ނިޔާވީ އިނގިލިތައް މަރުވިތާ އެތައް ދުވަހެއް ވުމުގެ ސަބަބުން އުފެދުނު އިންފެކްޝަނުގެ ސަބަބުން ކަން ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
ބަލިމީހާއާ ދޭތެރޭ އައިޖީއެމްއެޗްގެ މުވައްޒަފުން ކަންތައްތައް ކުރީ ފަރުވާ ކުޑަކޮށް ކަަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. އައިޖީއެމްއެޗުން އިއްޔެ ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އާއިލާގެ ފަރާތުން "އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އުމުރުން ދުވަސްވީ އެ އަންހެންމީހާގެ އިނގިލިތައް މަރުވެ، ބުރިކޮށްލަން ޖެހުނީ ނުބައި އިންޖެކްޝަނެއް (ދޭން ޖެހުނު ފަރުވާއާ ނުގުޅޭ އިންޖެކްޝަނެއް) ގެ ސަބަބުން ކަމަކަށް އާއިލާއަކުން ތުހުމަތެއް ނުކުރެ އެވެ.
ފާހާނާއަށް ވެއްޓުމުގެ ސަބަބުން ވީ ހާނީއްކަތަކަކަށް ފަރުވާ ދޭން ފުރަތަމަ މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު އައިޖީއެމްއެޗަށް ގެނައި އެމީހާގެ އިނގިލިތައް މަރުވީ، ފުރާނަ ސަލާމަތް ކުރަން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އައިޖީއެމްއެޗުން އެއްބަސްވި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާއިލާގެ ކަންބޮޑުވުން އޮތީ އިނގިލިތައް މަރުވުމުން، އުފެދުނު އިންފެކްޝަނާ މެދު ހޮސްޕިޓަލުން ފަރުވާ ކުޑަކުރި ކަމަށް ކުރެވޭ ތުހުމަތެވެ. އިނގިލިތަކުގެ ކުލަ ބަދަލުވުމުން، އާއިލާއިން އެކަމުގެ ޝަކުވާ ކުރުމުން ވެސް ހޮސްޕިޓަލުން ސާފުކޮށް މައުލޫމާތު ނުދިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެނެއް ނުބުނަން ނުބައި އިންޖެކްޝަނެއް ޖެހީއެކޭ. އަސްލު މައްސަލައަކީ، އެމީހުން ބުނި ގޮތުން ނަމަ ފުރާނަ ސަލާމަތް ކުރަން ޖެހި އެ އިންޖެކްޝަނުން، އެހެން ވެދާނެ ވާހަކަ ވެސް އަޅުގަނޑުމެން ގާތު ނުބުނުން. އަނެއް މައްސަލަ އަކީ އެ އިންޖެކްޝަނުން އިނގިލިތަކަށް އެހެންވީމާ [އިނގިލިތަކުގައި ލޭދައުުރުކުރުން ހުއްޓި މަރުވީމާ] ވެސް އެއްވެސް އެއްޗެއް ނުބުނުން. ހޮސްޕިޓަލުން އެއްވެސް އެއްޗެއް ނުބުނޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިނގިލިތައް އެގޮތަށް ހުރީމާ އާއިލާއިން ތަކުރާރުކޮށް ސުވާލުކުރި އެވެ.
އިނގިލިތައް މަރުވީ ބަލިމީހާގެ ހުރި، ވަރަށް ވަރުގަދަ ޔޫރިން އިފެކްޝަނެއް ކޮންޓްރޯލްކުރަން ތަކުރާރުކޮށް ޖެހި އިންޖެކްޝަންތަކަކުން ކަމަށް، އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ދިން މައުލޫމާތަށް ބިނާކޮށް އާއިލާއިން ގަބޫލުކުރެ އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ބޭއްވުމަށް ފަހު ބަލިމީހާ އޭޑީކޭއަށް ބަދަލުކުރީ އޭޕްރީލް 13، ވަނަ ދުވަހު އެވެ. އާއިލާއިން ތުހުމަތުކުރި ގޮތުގައި އިންޖެކްޝަނުގެ ސަބަބުން އިނގިލިތައް މަރުވުމުގެ އިތުރުން، ބަލިމީހާގެ ހަށިގަނޑަށް ހޮޅިއެއް ގުޅަން ބޭންކުރި ކެނޫލާއެއް ޖެހި ތަނެއް ވެސް އޭރު އޮތީ ވަރަށް ބޮޑަށް އިންފެކްޓްވެފަ އެވެ.
އާއިލާއިން ބުނި ގޮތުގައި އޭޕްރިލް 30، ވަނަ ދުވަހު ބަލިމީހާ ނިޔާވީ މަރުވި އިނގިލިތައް ބުރިކުރުމަށް ފަހު އޭޑީކޭގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އެހެން ނަމަވެސް އޭނާ ނިޔާވީ އިނގިލިތައް މަރުވުމުގެ ސަބަބުން އުފެދުނު އިންފެކްޝަނުގެ ސަބަބުން ކަމެއް ނުވަތަ ޔޫރިން އިންފެކްޝަނުގެ ސަބަބުން ކަމެއް ނޭނގެ އެވެ.












