ޔުނިވާސަލް ގްރޫޕްގެ އެއް ޑިރެކްޓަރު އަދި ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ. އިބްރާހީމް އުމަރުމަނިކުގެ ހަނދާނުގައި ޔުނިވާސަލް ފައުންޑޭޝަނުން ސްކޮލަޝިޕެއް ތައާރަފްކޮށްފި އެވެ.
ޔުނިވާސަލް ފައުންޑޭޝަނުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޑރ. އިބްރާހީމް އުމަރުމަނިކުގެ ހަނދާނުގައި ދޭ ސްކޮލަޝިޕްގައި ކިޔެވޭނީ ހަމައެކަނި ބޭސްވެރިކަމުގެ ދާއިރާއިންނެވެ. އެ ސްކޮލަޝިޕް ދޭނީ އެމްބީބީއެސް ހެދުމަށްފަހު ރާއްޖޭގައި ދެ އަހަރު ހިދުމަތްކޮށް، ސްޕެޝަލިސްޓުންނަށް ވާން ކިިޔަވާ ޑޮކްޓަރުންނަށް އެކަނި ކަަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.
ޔުނިވާސަލް އިން ބުނި ގޮތުގައި އެ ސްކޮލަޝިޕްގައި ކިޔެވޭނީ ހަމަ އެކަނި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުންނެވެ. ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަން ދޭނީ ރާއްޖޭގައި ސްޕެޝަލިސްޓުން މަދު ދާއިރާތަކަށް ހާއްސަވާ ފަރާތްތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްކޮލަޝިޕް ދޭނެ ފަރާތްތައް ކަނޑައަޅާނީ އެކަމަށް ބާއްވާ އިންޓަވިއުއަކަށް ފަހުގަ އެވެ. ސްކޮލަޝިޕް ލިބޭ ފަރާތްތައް ކިޔަވައި ނިމިގެން ރާއްޖޭގައި މަސައްކަތް ކުރަން ޝަރުތުކޮށް އެއްބަސްވުމެއް ހަދާނެ އެވެ.
ޔުނިވާސަލް ފައުންޑޭޝަނަކީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ފަރާތުން އިޖުތިމާއީ ފައިދާއަށް ކުރާ މަސަައްކަތްތައް ހިންގާ ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހައިތަނަށް 204 ފަރާތަކަށް ސްކޮލަޝިޕް ފުރުސަތު ދީފަ އެވެ. އޭގެ ތެރެއިން 51 ފުރުސަތު ހާއްސަކުރީ ބޭސްވެރިކަމުގެ ދާއިރާއަށެވެ.













