ގޭބީސީތަކުގެ ކަރަންޓު މީޓަރުގެ ރީޑިން ނުނަގައި މި މަހު ބިލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްޓެލްކޯއިން ދޮގުކޮށްފި އެވެ.
އާދަޔާހިލާފަށް ހޫނުގަދަވެ، މި މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން މި މަހުގެ ކަރަންޓު ބިލު ނިސްބަތުން ބޮޑުވާނެ ކަމަށް ވެސް އެ ކުންފުނިން އޭރު އަންދާޒާ ކުރި އެވެ.
ނަމަވެސް، މި މަހުގެ ބިލު އެހެން މަސްތަކާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ބުނެ، އާންމުންގެ ގިނަ ބަޔަކު ދަނީ ބިލުގެ ފޮޓޯ ނަގައި، ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންނެވެ.
އަދި އެތައް ގުނައެއް ބޮޑުކޮށް ސްޓެލްކޯއިން މި މަހު ބިލުކޮށްފައިވަނީ ރީޑިން ނުނަގައި ކަމުގެ ތުހުމަތު ވެސް ސްޓެލްކޯއަށް ދަނީ އަމާޒުކުރަމުންނެވެ.

އެކަމާ ގުޅިގެން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
"ރީޑިން ނުނަގައި ބިލު ބޮޑުކުރި ކަމަށް އެ ބުނަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ވަރަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.
އެއާއެކު ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓް ހަރަދުނުކޮށް، ކަރަންޓް އިގުތިސާދުކުރަން ސްޓެލްކޯއިން އޭރު އިލްތިމާސްކުރި އެވެ.











