ފަސް ރަށެއްގައި އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ފެނަކައާއެކު ފިޝަރީޒް މިނިސްޓްރީން ސޮއިކޮށްފި އެވެ.
ފަންސަވީސް ޓަނުގެ އައިސްޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ގދ. ރަތަފަންޑޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫ އެވެ. މިއީ ސައުދީ ފަންޑުގެ އެހީގައި ގާއިމުކުރާ ފަސް އައިސްޕްލާންޓެވެ.
މި އައިސްޕްލާންޓުތަކުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ މީގެ ކުރިންވެސް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލުމުން އެކަށީގެންވާ ބީލަމެއް ނުލިބި ލަސްވެގެން ދިޔަ ފަހުންނެވެ. މި މަސައްކަތް ފެނަކައާ ހަވާލުކުރީ ސައުދީ ފަންޑާ މަޝްވަރާ ކުރުމަށްފަހު އެވެ.
އައިސްޕްލާންޓުތައް ގާއިމުކުރުމަށް ފެނަކައާ މިއަދު ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެހެންކަމުން މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމަން ޖެހޭނެ އެވެ.
އައިސްޕްލާންޓުތަކާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ސަރުކާރުން ގާއިމްކުރާ އައިސްޕްލާންޓްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. އަދި އެއީ އެންމެ އަގުހެޔޮކޮށް ކަރަންޓު ލިބޭނީ ފެނަކައަށް ކަމަށްވާތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފެނަކައިގެ ސީއީއޯ، އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައިވާ އައިސްޕްލާންޓްތަކަށް އެއްވެސް ބޮޑު މައްސަލައެއް ދިމާނުވެ އައިސް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަކީ ކޮންމެހެން މިއަދު ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަމަށް ޓަކައި ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާކަން ސައީދު ފާހަގަ ކުރެއްވި އެވެ.













