ހިޔާ ފްލެޓުތަކުގެ ކުލި 5،300ރ. އަށް ކުޑަކުރަން ނިންމައިފި އެވެ.
އެ ބަދަލު ގެންނަން ނިންމީ ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާއި އާބަންކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އިއްޔެ އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރީ އެތަނުގައި ދިރިއުޅެވޭ ވަރުކުރުމަށްޓަކައި ފުލެޓުވެރިން ބޮޑު ހަރަދެއް ކޮށްފައިވުމާއި، ބައެއް މީހުން އެ ހަރަދު ކުރީ ދަރަންޏަށް ނުވަތަ ލޯނު ނަގައިގެން ކަމަށް ވާތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
"ބައެއް ފަރާތްތަކުން އެބަ ހުރި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފިނިޝިންއަށް ހަރަދުކޮށްފައި. އެންމެ މަދުވެގެން ވެސް ލައްކައަކަށް ވުރެ ގިނައިން ފައިސާ ހަރަދުކޮށްގެން ކޮންމެ ފްލެޓަކަށް ވަދެވިފައި ހުރީ. އެހެންވެ، ފްލެޓުގެ ކުލި ދައްކަމުން، ފިނިޝިންގެ މަސައްކަތަށް ނެގި ލޯނު ހަލާސްކުރަން ޖެހުމުން ގިނަ ބަޔަކަށް އެކަމުގެ ދަތިކަން އޮތީ ކުރިމަތިވެފައި. އެ ޝަކުވާ ފުލެޓުވެރިންގެ ފަރާތުން ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ 25 ބުރީގެ 16 ޓަވަރުގެ ފްލެޓުތަކުގެ ކުއްޔަކީ މަހަކަށް 7،500ރ، އަދި މެއިންޓެނެސް ފީއަށް 1،000ރ. އެވެ.

ކުލި ކުޑަކުރުމަށްޓަކައި ގެނައި މައިގަނޑު ބަދަލަކީ 25 އަހަރުން ފައިސާ ހަލާސްކުރާ ގޮތަށް ދީފައިވާ ފުލެޓުތަކުގެ އެ މުއްދަތަށް ހަތް އަހަރު އިތުރު ކުރުމެވެ. އޭރުން ކުލީގެ ޖުމުލަ އަހަރު 32 އަށް ދާނެ އެވެ. އެހެންވެ ދެން ފްލެޓަކަށް ދައްކަން ޖެހޭނީ މިހާރު ދައްކާ ކުއްޔަށް ވުރެ 2،200ރ. ކުޑަކޮށެވެ. އެއީ 5،300ރ. އެވެ. މިހާރު ކުއްޔަކީ 7،500ރ އެވެ.
ހިޔާގެ ފުލެޓުގެ ކުލި ކުޑަކުރުމާ ގުޅޭ ބައްދަލުވުންތަކެއް ދާދި ފަހުން ބޭއްވި ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވި އެވެ. ނަމަވެސް ތަފުސީލެއް ނުދެއްވި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެކަން ސަރުކާރުން އިއުލާނު ކުރާނީ މެއި މަހުގެ 10 ގަ އެވެ.










