ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަަޅާފައިވާ މައްސަލަ އިންސާފުވެރިކަމާ އެކު ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެ ކަމުގައި އިދިކޮޅު ޕީޕީއެމްޕީއެންސީން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ވެސް ދިވެހި ސަރުކާރުން ދޮގުކުރާ ކަމަށެވެ.
ޗާގޯސްއާ ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަޙައްދެވެ. މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަގުވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށް ވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
މައްސަލައިގެ ފަސްފަހަތް
މޮރިޝަސް އިން ޗާގޯސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ ނިމުނީ އެ ގައުމާ އެއް ކޮޅަށެވެ. 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް, މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ގަރާރެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.
އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުންނެވެ.
އިޓްލޮސްގައި ކުރިއަށް ގެންގޮސްފައިވާ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި މޮރިޝަސްގެ ހުށަހެޅުންތަކަށް ބާރުދެވޭ ވަރު ހެކި ނެތް ކަމަށާއި ރާއްޖެ ކޮޅަށް އެ މައްސަލަ ނިންމުމުގެ ފުރުސަތު ބޮޑު ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅޭ ކަމަކީ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއާ ގުޅިގެނެވެ. އެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ސިޓީ ހާމަކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.












