މީގެ 10 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ މަރާލި ޕޮލިސް އާދަމް ހަލީމް މަރާލި މައްސަލާގައި ހުކުމްކޮށްފައިވާ މުހައްމަދު ސަމާހް ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމު އިސްލާހު ކުރުމަށް ފުރުސަތެއް ދީފި އެވެ.
ޖުލައި 23، 2012 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކ. ކާށިދޫ، ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖެނުއަރީ 14، 2013 ގަ އެވެ. އެ ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން ނިންމީ ސެޕްޓެމްބަރު 30، 2020 ގަ އެވެ.
ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ސަމާހަށް ހަމަޖެއްސި ވަކީލު ވަކިކުރަން ޝަރީއަތުން ނިންމި އެވެ. އަދި، އަމިއްލަ ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައި އެ ދުވަހުގެ އަޑުއެހުން ނިންމާލި އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެ އަޑުއެހުމަށް ފަހު، އޭގެ ހަތަރު މަސް ފަހުން މިއަދު ބޭއްވި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ސަމާހު ހާޒިރުވީ ވަކީލަކާ އެކުގަ އެވެ. ސަމާހުގެ ވަކީލު ހަމްޒާ ލަތީފު އެދުނީ އަލުން އިސްތިއުނާފު ފޯމު ހުށަހެޅުމަށް ފުރުސަތެއް ދިނުމަށެވެ.
ހަމްޒާ ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބިފައި ވަނީ "އަނގަ ބަހުން" އިސްތިއުނާފް ނުކުތާތައް ހުށަހެޅުމަށް ފުރުސަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް ދައުލަތަށް ވެސް ފަސޭހަ ވާނީ ލިޔުމުން އިސްތިއުނާފީ ނުކުތާތައް ތިރިކޮށް ހުށަހަޅާފައި އޮތުމުން ކަމަށާއި އެ ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ފަރާތުން އެ ކަމަށް އިއުތިރާޒެއް ނުކުރެ އެވެ.
މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ފަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އިސްތިއުނާފް ފޯމު ހުށަހެޅުމަށް ސަމާހަށް ދޭނީ ދެ ހަފުތާގެ މުއްދަތެއް ކަމަށެވެ. އަދި އޭގެ ރައްދު ލިޔުމުން ހުށަހެޅުމަށް ދައުލަތަށް ދެ ހަފުތާގެ މުއްދަތެއް ދޭނެ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އެއް މަސް ދުވަސް ފަހުން ކަން، ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ސުއޫދުގެ އިތުރުން ދެން ތިއްބެވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު އާދަމް ހަލީމް މަރާލި ކަމަށް ސަމާހު ފުރަތަމަ އިއުތިރާފުވި އެވެ. ނަމަވެސް އެއީ ފުލުހުން ބިރު ދައްކައިގެންވީ އިއުތިރާފެއް ކަމަށް ބުނެ އޭނާ އެ ކަމަށް ފަހުން އިންކާރު ކުރީ އެވެ.













