މިއީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓް ހަރަދުނުކޮށް، ކަރަންޓް އިގުތިސާދުކުރަން ސްޓެލްކޯއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފިނިކުރަން ބޭނުންކުރާ އާލާތްތައް (އެއާކޮންޑިޝަނާތައް) ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން އިލްތިމާސްކުރާ ކަމަށެވެ. އެއާކޮންޑިޝަނާތައް 25 ޑިގްރީއަށް ވުރެ ދަށް ނުކުރަން ވެސް އެކުންފުނިން އިލްތިމާސްކުރި އެވެ.
"...ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރަން،" ސްޓެލްކޯގެ ޓްވީޓްގައި ބުންޏެވެ.
މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ވަރަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރައިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި މިއަދު އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އިދާރާއިން މިއަދު އާއްމުކުރި މައުލޫމާތުގައި ވެ އެވެ.
ރާއްޖޭގައި ހޫނުގަދަވެފައި ވާތީ ސިއްހީ ގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ އިރުޝާދެއް ވެސް މެޓުން މިއަދު އާއްމުކުރި އެވެ.












