ހުޅުމާލޭގައި މިއަދު ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 18 އަހަރުގެ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފެންނަނީ ކާރެއްގެ އަރިމަތީގައި ސައިކަލެއް ޖެހި ވަރަށް ބޮޑަށް ކާރަށް ގެއްލުންވެފައިވާ މަންޒަރެވެ. އެހެން ފޮޓޯއެއްގައި ސައިކަލު ދުއްވި ފިރިހެން މީހާ އުޅަނދާއެކު ވެއްޓިފައި އޮންނަ މަންޒަރު ފެނެ އެވެ.
އެކްސިޑެންޓުގައި ހާނީއްކަ ލިބުނު ޒުވާނާގެ ހާލަތެއް އަދި ނޭނގެ އެވެ. އެކްސިޑެންޓު ހިނގީ މިއަދު 11:45 ހާއިރު ހުޅުމާލޭ ފޭސް 2 ގެ ނިރޮޅު މަގުގަ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި އެކްސިޑެންޓުވި ސަރަހައްދަށް ފުލުހުން އެޓެންޑުވެގެން އުޅޭ މަންޒަރު ފެނެ އެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހާނީއްކަ ލިބުނު ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.












