ފުރަމޭގެ ފަރުވާއަށް ދޭ ބޭހެއްގެ ނަކަލެއް ދެ ގައުމަކުން ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެފި އެވެ.
އެމްއެފްޑީއޭއިން ބުނީ "Defitelio (Defibrotide Sodium)" ނަމަކަށް ކިޔާ ބޭހުގެ ނަކަލެއް ފެނުނީ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ކިރިގިސްތާނުން ކަމަށެވެ.
އެ ބޭހަކީ ފުރަމޭގެ ނާރެއް ބެދުމުން ދޭ ބޭހެކެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް އެ ބޭސް ދެ އެވެ. އެއީ ރާއްޖެ ގެނެސް ވިއްކަން ހުއްދަ ދީފައި އޮތް ބޭހެއް ނޫނެވެ. ނަމަވެސް ބޭރުން ގަނެގެން ނަމަވެސް މީހަކަށް އެ ބޭސް އެތެރެކުރެވިފައިވާ ނަމަ ސަމާލުވާން ސަރުކާރުން އެދެ އެވެ.
އޭގެ އިތުރުން، ޕާކިސްތާނުގެ ކަރާޗީގައި އުފައްދާ ލޭ މައްޗަށް ދިޔުމަށް ދޭ ބޭހެއް ކަމަށްވާ ޓެލްސާޓާ 40 (Telsarta 40) ގެ ބެޗެއްގައި މުށި ކުލައިގެ ލައްތަކެއް ހުރުމުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭއިން އެދެ އެވެ.
އެމްއެފްޑީއޭއިން ބުނީ ޓެލްސާޓާއަކީ ރާއްޖެ އެތެރެ ކުރާ ބޭހެއް ނަމަވެސް އެ ބޭހުގެ މައްސަލަ ޖެހިގެން އުޅޭ ބެޗު އެތެރެވެފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ބޭސް ސިޓީއަކުން ނަމަވެސް ބޭހުގެ އެ ބެޗު ރާއްޖެ އެތެރެވެފައި އޮވެދާނެތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އެދެ އެވެ.












