ހިޔާ ފްލެޓުގެ ޓަވަރެއްގައި މިރޭ އަލިފާން ރޯވާން މެދުވެރިވީ ނިއްވާނުލައި އެއްލާލި ސިގިރެޓެއްގެ ސަބަބުން ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އާބަންކޯއިން ދީފި އެވެ.
މިއީ ރޯދަ މަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. މިރޭ އަލިފާން ރޯވީ އެޗް-7 ފްލެޓުގެ އެއްވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގެ ބޭރުގަ އެވެ. އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
އެކަމާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި އާބަންކޯއިން ބުނީ އެންމެ މީހަކު ކުރާ މިފަދަ އަމަލެއްގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ފުރާނައާއި މުދަލަށް ގެއްލުންވެ މިފަދަ އަމަލެއްގެ ސަބަބުން މިއަށްވުރެވެސް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ.
"މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ޔުނިޓްތައް ދެނެގަނެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ. މި ފަދަ ހާދިސާތައް ތަހުޤީޤު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހްމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެ," އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފްލެޓު ހަވާލުކޮށްފައި ވަނީ ގާނޫނީ އެއްބަސްވުންތަކެއް ހަދައިގެން ކަމަށާއި އެ އެއްބަސްވުންތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާއިމު ކުރެވިފައިވާ އެއްބަސްވުންތަކެއް ކަމަށް އާބަންކޯއިން ބުނެ އެވެ.

އެއްބަސްވުންތަކާ ހިލާފުވާ މީހުން 1,000ރ. އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް އާބަންކޯއިން ވަނި ދީފަ އެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އާބަންކޯއިން ވަނީ އެދިފަ އެވެ.











