ކެއްސާ ބޭހަށް އާންމުކޮށް އަޅާ ފޮލްކޮޑިން ހިމެނޭ ބޭސްތައް ޔޫރަޕުގެ މާކެޓުން ނެގުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ލަފާ ދިނުމުން ރާއްޖެއިން ވެސް އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.
ފޮލްކޮޑިންއާ ބެހޭ ދެ ލަފައެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިނެވެ. އެއީ ނުރައްކާތެރި އެލާޖިކް ރިއެކްޝަނެއް އައިސްދާނެތީ ދީފައިވާ ލަފަޔާއި ފޮލްކޮޑިން ހިމެނޭ ބޭސްތައް ޔޫރަޕުގެ މާކެޓުން އެއްކޮށް ނެގުމަށް ދިން ލަފަޔެވެ.
"މިކަމާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން މިއޮތޯރިޓީގެ ފަރާތުން ބަލައި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައި ދެންނެވިން،" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
ފޮލްކޮޑިން ބޭނުން ކުރަނީ ހިކި ކެއްސުމަށް ފަރުވާ ކުރުމަށެވެ. ރޯގާ ޖެހި ކެއްސަން ފެށުމުން ދޭ ބައެއް ބޭސްތަކުގައި ވެސް އެ މާއްދާ އެކުލެވެ އެވެ.
ފޮލްކޮޑިން ހިމެނޭ ބޭސްތައް މާކެޓުން ނަގަން ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާއިރު އިންޑިއާގައި އުފެއްދި ކެއްސާ ބޭސްތަކެއް ބޮއެގެން ވަރަށް ގިނަ ކުޑަކުދިން ވަނީ މަރުވެފަ އެވެ.












