ހުޅުމާލެ އާއި މާލެއާ ދެމެދު އަޅާފައި އޮންނަ ސިނަމާލެ ބްރިޖުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓު ހިނގީ ޓްރެފިކް ލައިޓަށް ސައިކަލެއް މަޑުކޮށްގެން އިންދާ ފަހަތުން އައި އެހެން ސައިކަލަކުން ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ގާތްގަނޑަކަށް 11:33 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 31 އަހަރާއި 43 އަހަރާއި 47 އަހަރުގެ ތިން ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް ފަރުވާދެނީ އައިޖީއެމްއެޗުގައި ކަމަށެވެ. އަނެއް ދެ މީހުންނަށް ފަރުވާދެނީ ސެނަހިޔާ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުނެ އެވެ.
ސިނަމާލެ ބްރިޖުގައި މިރޭ އެކްސިޑެންޓެއް ހިނގާފައި މި ވަނީ މިދިޔަ ހޯމަ ދުވަހު ހަމަ އެ ބްރިޖުގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި އޮއްވަ އެވެ.

މީގެ ހަތަރު އަހަރު ކުރިން އޯގަސްޓް، 2018 ގައި ސިނަމާލެ ބްރިޖު ހުޅުވިފަހުން އޯގަސްޓް، 2022 އާ ހަމައަށް އެއް މިލިއަން ވެހިކަލް މޫވްމަންޓްސް ވަނީ ފެނިފަ އެވެ. އެހެންކަމުން ބްރިޖަކީ ރާއްޖޭގެ އެންމެ ބިޒީ އެއް ސަރަހައްދެވެ.











