ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމުގެ ބަދަލުގައި ފޭކު ޓްރާންސްފާ ސްލިޕެއް ދެއްކި މީހަކު ދެ އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ މީހާ ފޭކު ސްލިޕް ފޮނުވީ "އިކްއިކްސް އެކްސްޕްރެސް" ކިޔާ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު އެވެ. އެ ފިހަރާއިން އޭނާ ފަސް ސޮސެޖު ޕެކެޓާއި ހަ ބޯންލެސް ޗިކެން ޕެކެޓު ނެގި އެވެ.
އެ މުދަލަށް އެރި ޖުމްލަ 530ރ. ނަގުދު ފައިސާއިން ދެއްކުމުގެ ބަދަލުގައި ޓްރާންސްފާ ކުރާނެ ކަމަށް ބުނެ ދައުވާ ލިބޭ މީހާ ދެއްކީ ފޭކު ސްލިޕެކެވެ. އެކަމަށް ޝަރީއަތުގެ މަޖިލީހުގައި އެމީހާ ވަނީ އެއްބަސްވެފަ އެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކަނޑައެޅީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. އެކަމަކު، ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ބަންްދުގައި ފަސް ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތުގެ އޭނާގެ ހުކުމުން ކެނޑޭނެ އެވެ.












