ހަށިގަނޑުގައި ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު އަނެއްކާވެސް އަތުލައިގަނެފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ބުނީ މިފަހަރު ހިފެހެއްޓީ މާޗް 17، ގައި ވިޒްއެއާގެ ބޯޓަކުން އަބޫދާބީން އައި 43 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ.
އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ސުވާލު ކުރުމުން ރަން ހުރި ކަމަށް އެއްބަސްވެ އެއްބާރުލުން ދީފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. ޖުމްލަ 360 ގްރާމުގެ ރަން އެމީހާ އެތެރެ ކުރި އެވެ.
ވަގަށް ރަން ގެނައި އިންޑިއާ މީހަކު އަތުލައިގަނެފައިވާއިރު މިދިޔަ އަހަރު ރަން އެތެރެ ކުރި އިންޑިއާ މީހަކަށް ކޯޓުން ވަނީ ދާދިފަހުން ހުކުމްކޮށްފަ އެވެ. ގާތްގަނޑަކަށް ދެ ކިލޯގެ ރަން ގެނައި އެ މީހާގެ މައްޗަށް އައީ 120،000ރ. ގެ ޖޫރިމަނާއެކެވެ.











