އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް އެތެރެ ކުރި ދެ ކިލޯއެއްހާ މަސްތުވާއެއްޗެހި އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އެތެރެ ކުރީ ކުރިއާ ބޭނުންކޮށްގެން އެތެރެ ކުރި ޕެކޭޖުތަކެއްގައި ކަމަށެވެ. ދެ ޕެކޭޖެއްގައި ހުރި ހަތަރު ދަޅަކުން ޖުމްލަ 1.8 ކިލޯ މަސްތުވާއެއްޗެހި ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އަތުލައިގަތް މަސްތުވާތަކެތި ޕޮޒިޓިވްވީ މެފެޑްރޯންއަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. ދެވި ހިފުމުގެ ފުރުސަތު ބޮޑު އެ ބާވަތުގެ މަސްތުވާތަކެއްޗަށް އާންމުކޮށް ރާއްޖޭގައި ކިޔަނީ މިޔައު-މިޔައު އެވެ. އެ ތަކެތީގެ މަގުމަތީ އަގު 3.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާ ކުރެ އެވެ.
ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަތީ މާޗް 29، އާއި މާޗް 31، ގައި ރާއްޖެ އެތެރެ ކުރި ޕެކޭޖުތަކަކުން ކަމަށެވެ.
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.












