ހުޅުމާލޭގެ ދެ ހިސާބަކުން 15 ބިމެއް ވިއްކުމަށް އިއުލާނުކޮށް އެ ބިންތަކަށް ބިޑު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.
އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިއްކަނީ ހުޅުމާލޭ ބީޗް ސައިޑުން 1600 އާއި 2300 އަކަފޫޓުގެ 10 ބިމަކާއި ބީޗް ފްރަންޓުން 1200 އާއި 1800 އަކަފޫޓުގެ ފަސް ބިމެއް ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ.
އޭގެ އިތުރުން، ބިޑު ހުށަހަޅާ ފަރާތްތަކުން އެއް މިލިއަން ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ބަހައްޓަންޖެހޭނެ އެވެ.
އާބަންކޯއިން ބުނީ ބިޑު ކުރުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަނުގެ ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މެއި 31، ގެ ނިޔަލަށެވެ.

ހުޅުމާލެއިން 15 ބިމެެއް ވިއްކުމަށް މިއަދު ހުޅުވާލިއިރު ޑިސެމްބަރު، 2021، ގައި ހުޅުމާލޭ ދެ ވަނަ ފޭސްއިން 60 ބިމެއް ވިއްކުމަށް ވެސް ހުޅުވާލި އެވެ.












