ކުޑަކުއްޖަކު ދިރިއުޅެމުންދިޔަ މާހައުލުގެ ސަބަބުން އެ ކުއްޖާއަށް ނުރައްކާވެފައިވާތީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖަކު ބެލެހެއްޓުމަށް ދާ ހަރަދު ދެއްކުމަށް އެ ކުއްޖާގެ ބައްޕަގެ މައްޗަށް ކޯޓުން އަމުރުކޮށްފި އެވެ.
އެއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖެއްގެ ހަރަދު ބެލެހެއްޓުމަށް ބެލެނިވެރިޔާއަށް އަންގައި ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ ކޯޓު އަމުރެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ ކުއްޖާގެ ބައްޕަގެ ފަރާތުން އެ ކުއްޖާ ބެލެހެއްޓުމަށް ދާ ފައިސާ ހޯދުމަށް ހުށަހެޅީ ދައުލަތުން ކަމަށެވެ. ކޯޓުން ކަނޑައެޅީ އެ ކުއްޖާ ބެލެހެއްޓުމުގެ ހަރަދެއްގެ ގޮތުން މަހަކު 16،219ރ. އެ ކުއްޖާގެ ބައްޕަ ދައްކަންޖެހޭނެ ކަމަށެވެ.
"މި މައްސަލާގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި، ކެއުމުގެ ހަރަދާއި ކުއްޖާ ބަހައްޓާފައިވާތަނުގެ ކަރަންޓާއި ފެނުގެ ހަރަދާއި ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އެތަނުގައި މަސައްކަތް ކުރައްވާ ގުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިއާޔަތް ކޮށްފައިވޭ،" ފެމިލީ ކޯޓުން ބުންޏެވެ.
މައިންބަފައިން ދުނިޔޭގައި ހުރި ނަމަ ކުއްޖާގެ ހަރަދު ބެލެހެއްޓުމަކީ އެމީހެއްގެ ޒިންމާއެއް ކަމަށް ގާނޫނުން ކަނޑައަޅާފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.

"މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވޭ،" އެ ކޯޓުން ބުނެފައިވެ އެވެ.












