ތައިލެންޑުން ގަވައިދާ ހިލާފަށް ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު އެ ގައުމުން ހައްޔަރުކޮށްފި އެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގާ ތައިލެންޑުން ޓޫރިސްޓު ވިސާގައި ފުރި ދިވެހި ފިރިހެނަކު އުފުލި ލަގެޖެއްގެ ތެރެއިން ގިނަ އަދަދެއްގެ ދޫނި ވަނީ އަތުލައިގެންފަ އެވެ. އެތަކެތީގެ އަގު 45،000 ދިވެހި ރުފިޔާއަށް އަރާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ބެންކޮކް އެއާވޭސްގެ ފްލައިޓަކުން މާލެއަށް ދަތުރުކުރި މި މީހާގެ ލަގެޖުން ފެނިފައިވާ ދޫނިތައް ހުރީ ކުދި ވަށިގަނޑުތަކެއްގައި ބަންދުކޮށްފަ އެވެ. އޭނާ ބޭރު ކުރަން އުޅުނު ދޫނިތަކުގެ ތެރޭގައި ބަކަމޫނުގެ ވައްތަރަކާއި ބާޒުގެ ދެ ވައްތަރެއް ހިމެނެ އެވެ.

ބެންކޮކުން ބޭރު ކުރަން އުޅުނު ބައެއް ދޫނި: އޭނާއަށް ތިން ގާނޫނެއްގެ ދަށުން ދައުވާ ކުރުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: ތައިލެންޑްނެޝަނަލް

ތައިލެންޑުގެ ކަސްޓަމްސްގެ މުވައްޒަފަކާ ހަވާލާދީ "ދި ނޭޝަން ތައިލޭންޑް"އިން ރިޕޯޓުކޮށްފައިވާ ގޮތުގާ އޭނާ އަތުން އަތުލައިގަތް ދޫނިތައް ވަނީ އެގައުމުގެ ޑިޕާޓްމެންޓު އޮފް ނޭޝަނަލް ޕާކްއާ ހަވާލުކޮށްފަ އެވެ. އަދި އަތުލައިގެން ދިވެހި މީހާ އެއާޕޯޓުން ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް އެނޫހުން ވަނީ ރިޕޯޓުކޮށްފަ އެެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ މިފަދަ މައްސަލަތަކާއި ބެހޭ މައުލޫމާތު އެ މިނިސްޓްރީން ހާމަ ނުކުރާ ކަމަށެވެ.











