މިއަހަރު މީހުން ހައްޖަށް ގެންދާން ބައެއް ކުންފުނިތަކުން ހުށަހެޅީ "ހިދުމަތަށް އެކަށީގެންނުވާ އަގުތަކެއް" ކަމަށް ވާތީވެ، އެ އިއުލާނު ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލި އެވެ.
އެ މިނިސްޓްރީން އަންގާރަ ދުވަހު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކުންފުނިތަކުގެ ބީލަންތައް ބާތިލް ކުރީ ހުށަހަޅާފައި ވަނީ ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެންނުވާ އަގުތަކަށް ވުމާއި ހައްޖު ޕްރޮޕޯސަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުސަތު ނެތުމުން ކަމަށެވެ.
"މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާތިލްކޮށް، އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދިނުން ކަމުގައި މިނިސްޓްރީން ދެކެމެވެ." އިއުލާނުގައި ބުނެފައިވެ އެވެ.
ކުރީގެ އިއުލާނުގައި ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާންޖެހޭ ވަކި އަގެއް ނެތެވެ. ނަމަވެސް އާ ޕްރޮޕޯސަލްގައި ހުށަހަޅަންޖެހޭނީ ބޮލަކަށް 75،000ރ އާއި 95،000ރ. ދެމެދުގެ އަގެކެވެ. މި ބަދަލު ފިޔަވާ ހައްޖު އުސޫލަކަށް އެހެން ބަދަލެއް ގެނެސްފައެއް ނެތެވެ.
މީގެ ކުރީ އަހަރުތަކުގައި ބީލަން ކާމިޔާބު ކުރުމަށްޓަކައި ހިދުމަތަށް އެކަށީގެން ނުވާ ދަށް އަގުތައް ބައެއް ކުންފުނިތަކުން ހުށަހަޅާފައިވެ އެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އަލުން ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ އޭޕްރީލް 13 ވަނަ ދުވަހު ހެނދުނު 10:00 ގައި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގަ އެވެ.
މިފަހަރުގެ ޕްރީބިޑް މީޓިން އޮންނާނީ މާދަމާ ހެނދުނު 10:00 ގަ އެވެ.
މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި ދީފައިވަނީ 1،000 ޖާގަ އެވެ. ނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފަ އެވެ.
ހައްޖު އުސޫލުގައި ބުނެފައިވާ ގޮތުން ރާއްޖެ އަށް ލިބޭ ކޯޓާގެ 50 ޕަސެންޓު ކަނޑަޅާނީ ހައްޖު ކޯޕަރޭޝަނަށެވެ. އަމިއްލަ ކުންފުނިތަކަށް ދޭނީ ބާކީ ބައިގެ ތެރެެއިން ސަރުކާރުން ކަނޑައަޅާ މިންވަރެކެވެ.
ހައްޖަށް މީހުން ގެންދާން ހުށަހަޅާ ކުންފުނިތަކުގެ ޝަރުތު
- ރާއްޖޭއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ އެ ހިދުމަތް ދެ އަހަރު ދީފައިވުން
- ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ޖިނާއި ކުށުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން
- ހުއްދައަށް އެދޭ ކުންފުނީގެ ބޯޑުގައި މަދަނީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތެއް ހިމެނޭނަމަ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުން
- ހައްޖުގެ ކަމަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ނުވަތަ ހައްޖުގެ ކަންތައްތަކާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ފައިސާ ދައްކަންޖެހި، އެ ފައިސާ ދައްކައިފައިނުވާ، ނުވަތަ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކުންފުންޏެއް ކަމުގައި ނުވުން
- އެއްވެސް ޓެކްސް އިދާރާއަކަށް ދައްކަންޖެހިފައި އޮތް ކުންފުންޏެއް ކަމުގައި ނުވުން
މުހިންމު ބައެއް ހަބަރު
- ފުށީ ރަށްވެހިން ނޫން ބަޔަކަށް އެ ރަށުން ގޯތި ލިބުމުގެ ފުރުސަތު ހަނިކޮށް، އާ އުސޫލު ނެރެފި އެވެ.
- އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް އުފައްދައި ހަރަކާތްތެރިވާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ބައްދަލުވުމެއް ބޭއްވި ނަމަވެސް މައްސަލައަށް ގޮތެއް ނުނިންމައި ނިންމާލައިފި އެވެ.
- މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
- ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ހާޒިރުކުރައްވައި މެންބަރު ކުރެއްވި ގިނަ ސުވާލުތަކަކީ ގާނޫނީ ތަރަހައިން ބޭރު ސުވާލުތަކެއް ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
- ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ބުދަ ދުވަހު ފަތިސް ވަގުތު ނަމާދަށް ތިބި މީހުންނަށް އިޒްރޭލް ފުލުހުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
- މާލެ ސަރަހައްދުން ތިލަފުއްޓަށް ކުނި ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް ޒޯނުގައި އަޅާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް އަންނަ ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު، އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ހާޒިރުކުރައްވައި މެންބަރު ކުރެއްވި ގިނަ ސުވާލުތަކަކީ ގާނޫނީ ތަރަހައިން ބޭރު ސުވާލުތަކެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ،
އަޅުގަނޑު ގާނޫނާ ހިލާފު ކަމެއް ކޮށްފައެއް ވެސް ނުވާނެ، ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާނެ، އެހެންކަމުން އިއްޒަތްތެރި މެންބަރުގެ ސުވާލަކީ ގާނޫނު ނަންބަރު 2/2005 ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ދަށުން އަޅުގަނޑާ ކުރެވޭނެ ސުވާލެއް ކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،"











