ސިނަމާލޭ ބްރިޖުގައި މިރޭ ކާރެއް އެކްސިޑެންޓުވެ، ހުޅުމާލެއަށް ދަތުރު ކުރާ ލޭނުގެ އެއްފަޅި ބަންދުކުރަން ޖެހުމުން މުޅި އެ ހިސާބު ވެހިކަލުން ތޮއްޖެހިއްޖެ އެވެ.
ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވެފައިވާ ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައި ހުރި މަންޒަރު ފެނެ އެވެ. ކާރުގެ ކުރީގައި އޮތީ ބަހެކެވެ. ނަމަވެސް ކާރު ޖެހުނީ ބަހުގަ ކަމެއް އަދި ނޭނގެ އެވެ. އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާވި ކަމަށް ފުލުހުން އަދި ނުބުނެ އެވެ.
އެކްސިޑެންޓުވެފައި އޮތް ސަރަހައްދު ބަންދުކޮށް ފުލުހުން ދަނީ ސީންގައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ލޭނުން ވެސް ދަތުރު ކުރަން ފުރުސަތު ދެ އެވެ.
އެކަމަކު، ހުޅުމާލެއަށް ދަތުރު ކުރާ ވެހިކަލްތައް ގިނަކަމުން މުޅި އެ ސަރަހައްދު މިހާރު އޮތީ ތޮއްޖެހިފަ އެވެ. ވެހިކަލްތައް ޓްރެފިކުގައި ޖެހި ކާނިވާ ސަރަހައްދާ ހަމައަށް ކިއު ހަދާލާފައި އެބަ އޮތެވެ.
އެ ސަރަހައްދުގައި އެކްސިޑެންޓެއްވެގެން އުޅޭ ކަމަށް ފުލުހުންނަަށް މި ނޫހުން ގުޅުމުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

މީގެ ހަތަރު އަހަރު ކުރިން އޯގަސްޓް، 2018 ގައި ސިނަމާލެ ބްރިޖު ހުޅުވިފަހުން އޯގަސްޓް، 2022 އާ ހަމައަށް އެއް މިލިއަން ވެހިކަލް މޫވްމަންޓްސް ވަނީ ފެނިފަ އެވެ. އެހެންކަމުން ބްރިޖަކީ ރާއްޖޭގެ އެންމެ ބިޒީ އެއް ސަރަހައްދެވެ.











