އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ބުނެފި އެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަވި ހިސާބުން އެ މައްސަލަ ބަލަން ފެށި ކަމަށެވެ.
އަދި، އެ މައްސަލާގައި އެ މުވައްޒަފު އިއްޔެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެޗްޑީސީން އޮޅުވާލައިގެން ބިން ވިއްކާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯރޓަލްގައި ރެޖިސްޓަރ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި އަދި ބިން ވިއްކުމަށް ހުޅުވާ ނުލާނެ،" އެޗްޑީސީން ބުނެފައިވެ އެވެ.

އެ މައްސަލަ ފެންމަތިވި ދުވަސްކޮޅު، އެޗްޑީސީގެ ތިޖޫރީއަކުން ވައްކަން ކުރި މުވައްޒަފަކު ވެސް އެ ކުންފުނިން ވަނީ ވަކިކޮށްފަ އެވެ.












