މިއަދު ހަވީރު ހިޔާގެ ބައެއް ފުލެޓުތަކުން ކަރުންޓު ކެނޑުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާގެ ބައެއް ފުލެޓުތަކުން ކަރުންޓު ކެނޑުނީ ހަވީރު 5:20 ހާއިރު އެވެ. މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލު ބުނީ، މިކަން މެދުވެރިވާން ދިމާވީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
"ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއަރު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. މި މަސައްކަތަށް 3 ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ،" ސްޓެލްކޯއިން ބުނެފައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި ހާލަތުގައި އެ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.












