ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕާކިން ސިސްޓަމްތައް ހިންގައި ބެލެހެއްޓުމަށް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 3، ގެ ނިޔަލަށެވެ.
ހުޅުމާލޭގައި ޖުމްލަ ހަ ޕާކިން ސިސްޓަމެއް ހުރި އިރު އެތަން ކުއްޔަށްދޭން ނިންމާފައި ވަނީ ދެ ފަރާތަކަށް ބަހާލައިގެންނެވެ.
ޕާކިން ސިސްޓަމްތަކުގެ ނަންބަރާއި ލޮކޭޝަންތައް:
- (ނިރޮޅު ޕާކިން 1) ނިރޮޅުމަގު، މަށި ރޯހައުގެ އިރުމަތިން 36 ސްލޮޓު
- (ނިރޮޅު ޕާކިން 2) ނިރޮޅުމަގު 2 ނަންބަރު ފްލެޓު އިރުމަތިން 26 ސްލޮޓު
- (ކަނީރު ޕާކިން) ކަނީރު މަގު، ސަނދުރަ ރޯހައުސްގެ ހުޅަނގުން 26 ސްލޮޓު
- (ބޯގަންވިލާ ޕާކިން 1އޭ) ބޯގަންވިލާމަގު، ގާޒީ ސްކޫލު ހުޅަނގުން 26 ސްލޮޓު
- (ބޯގަންވިލާ ޕާކިން 1ބީ) ބޯގަންވިލާމަގު، ގާޒީ ސްކޫލު ހުޅަނގުން 26 ސްލޮޓު
- (ބޯގަންވިލާ ޕާކިން 2)ބޯގަންވިލާ މަގު، ދިރާގު ޓްރީ ޕާކުގެ އިރުމަތިން
އެއް ފަރާތަކަށް ލޮކޭޝަން 1، 2 އަދި 4 ދިނުމަށް ނިންމާފައިވާއިރު ދެ ވަނަ ފަރާތަކަށް ލޮކޭޝަން 7 އަދި 9 ދިިނުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ފަރާތަށް 88 ސްލޮޓު ލިބޭއިރު ދެވަނަ ފަރާތަކަށް ލިބޭނީ 78 ސްލޮޓެވެ.
އެ ޕާކިން ސިސްޓަމްތަކަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މާލެ އަދި ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ގާއިމްކުރި ޕާކިން ސިސްޓަމްތަކެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މިތަންތަން ބޭނުންކުރަމުން ނުދާތީ ބައެއް ޕާކިން ސިސްޓަމްތައް ވަނީ ދަބަރަށްވެ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

އެގޮތުން މާލޭގައި ހުރި ބައެއް ޕާކިން ސިސްޓަމްތައް ނެގުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދެ އެވެ. އޭގެ ތެރޭގައި ވެލާނާގެ ސަރަހައްދުގައި ހުރި ޕާކިން ސިސްޓަމް ފާހަގަކޮށްލެވެ އެވެ.












