ހުޅުމާލޭގެ ޖެޓީއަކާ ދިމާލުން ފަޅަށް ކުނި އަޅައި ގޮނޑުކޮށްފައި އޮތް ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުން، އެ ރަށް ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެތަން ސާފުކޮށްފި އެވެ.
"ޓްރޭޝީ ސައިޑް އޮފް ލައިފް" ގެ ނަމުގައި މީހަކު ޓުވިޓާއަށް ބުރާސްފަތި ދުވަހު ލާފައިވާ ފޮޓޯއިން ފެންނަނީ ޖެޓީއެއްގެ ކޮޅުގައި ދެމީހަކު އިށީންދެލައިގެން އިންނައިރު ކުނިބުނިން ފަޅު ގޮނޑުވެފައިވާ މަންޒަރެވެ. އެ ދެ މީހުންގެ ކުރިމަތިން ފެންނަނީ ހުޅުމާލޭ ފަޅުގައި އަޅާފައި ހުންނަ ޔޮޓުތަކާއި ބޯޓުތަކެވެ.
އެ ފޮޓޯ ރިޓުވީޓު ކުރުމަށްފަހު އެޗްޑީސީން މިއަދު ބުނެފައި ވަނީ މިހާރު އެތަން ސާފުކޮށްފައިވާ ކަމަށާއި އެ ކުންފުނިން އެދެނީ ވެށި ސާފުކޮށް ބެލެހެއްޓުމަށް އެންމެންގެ އެއްބާރުލުމަށް ކަމަށެވެ.

ކުނި އަޅާފައި އޮތް ސަރަހައްދު އެޗްޑީސީން ސާފުކޮށްފައި: ބުނީ ވެށި ސާފުކޮށް ބެހެއްޓުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް -- ފޮޓޯ: އެޗްޑީސީ
ފަޅު ގޮނޑުވެފައި އޮތް މަންޒަރުގެ ފޮޓޯ އާންމުންނާ ހިއްސާ ކުރުމަށްފަހު އީމާން އިމްރާން ނަމަކަށް ކިޔާ ޓުވިޓާ ހޭންޑަލުން ބުނެފައި ވަނީ އޭނާ ބެލި ބެލުމުން އެއީ ކުނި ޓްރާންސްފާ ކުރުމުގެ ތެރޭގައި ފަޅަށް އެޅުނީ ކަމަށް ބެލެވޭ ކަމަށެވެ.

އެ ފޮޓޯ ސޯޝަލް މީޑިއާއަށް ޝެއާ ކުރި ފަރާތުން ވަނީ އެ ސަރަހައްދުގެ އިތުރު ފޮޓޯ އަދި ވީޑިއޯ ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި، ބިދޭސީ ދެމީހަކު ކުނިތަކަށް ބަލަހައްޓައިގެން ހުރި ފޮޓޯއަކާއި ކުޑަ ޑިންގީއެއް ކުނިތަކުން ލާފައި ޖެޓީއާ ގާތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިމެނެ އެވެ.










