ރޯދަ މަހާ ދިމާކޮށް ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
މި ބަދަލާއެކު ވެމްކޯއިން، ގޭގެއިން ކުނި ނެގުމުގެ ހިދުމަތް ދޭނީ ރޭގަނޑުގެ ވަގުތުގަ އެވެ. ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ނިންމާފައި ވަނީ، ތަރާވީހު ނަމާދުކޮށް ނިމޭހާ ވަގުތުކޮށްފަ އެވެ.
titledesc
އެހެން ނަމަވެސް، ވެމްކޯއިން ހައުސްހޯލްޑް ކަލެކްޝަނުގެ ހިދުމަތްދޭ އައްޑޫ އަދި ފުވައްމުލަކުން ކުނި ނަގާނީ ހެނދުނުގެ ވަގުތުގަ އެވެ. އައްޑޫ އަދި ފުވައްމުލަކުގައި ކުނި ނެގުމުގެ ހިދުމަތް ދޭނީ ހުކުރު ނޫން އެހެން ދުވަސްތަކުގަ އެވެ.
- އައްޑޫ (ގުޅިފައިވާ ރަށްތައް) - 7:00 އިން 11:00 އަށް
- އައްޑޫ (ހުޅުމީދޫ) - 9:00 އިން 16:00 އަށް
- ފުވައްމުލައް - 8:00 އިން 12:00 އަށް
ވެމްކޯއިން ރޯދަ މަހު ކުނި ނަގާނެ ގަޑިތައް އާންމު ކުރުމުގެ އިތުރުން އެ ކުންފުނިން ވަނީ ރޯދަ މަހު އިދާރީ ހިދުމަތްތައް ދޭނެ ގަޑިވެސް އާންމުކޮށްފަ އެވެ. އެގޮތުން މައި އޮފީހުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 1:00ގެ ނިޔަލަށެެވެ.

ކޯލް ސެންޓަރުގެ ހިދުމަތް ހެނދުު 9:00 އިން މެންދުރު 2:00 އަށް އަދި ރޭގަނޑު 9:00 އިން 12:00 އަށް ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ވެމްކޯއަކީ ހާއްސަކޮށް މާލެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގައި ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުނީގެ ހިދުމަތްތަކަށް ފައިސާ ނުދައްކާ މައްސަލާގައި އަންނަ އޭޕްރީލް މަހުން ފެށިގެން ހައްލެއް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ދެން ވެމްކޯގެ ބިލް ފޮނުވާނީ ސްޓެލްކޯގެ ބިލާ އެއްކޮށްލައިގެންނެވެ.












