އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އައްޔަންކޮށްފި އެވެ.
ބްރޯޑްކޮމްގެ މަގާމުން ގައިސް މިދިޔަ ޖެނުއަރީ 8، ގައި އިސްތިއުފާ ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށާއި އޭނާގެ ބައެއް އަމިއްލަ އެހެން މަސައްކަތްތަކަށް ވަގުތު ދެއްވަން ކަމަށް ވިދާޅުވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސަށް ކެމްޕޭން ކޮށްދެއްވަން ގައިސް އަމަލީ ގޮތުން އުޅުއްވިއިރު، އޭނާއަކީ އެމްޑީޕީގެ ވަރަށް ހަރަކާތްތެރި އެކްޓިވިސްޓެކެވެ.
މީގެ ކުރިން ގދ. ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ގައިސްއަކީ ގދ. އަތޮޅު ކައުންސިލްގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މީޑިއާ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭނާއަށް ކުރިއެރުން ދިނީ ސެޕްޓެމްބަރު، 2022، ގަ އެވެ. އެއާއެކު، މިއަދާ ހަމައަށް ވެސް ޑެޕިުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ.













