މިދިޔަ އަހަރު ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެތެރެކުރި އެމެރިކާ މީހެއްގެ މައްޗަށް ދައުވާ ނުކޮށް އޭނާ ޑީޕޯޓު ކޮށްލައިފި އެވެ.
ލިއިލާ ލެއިން ކްލާކް ނަކަމަށް ކިޔާ އެމެރިކާގެ މި އަންހެން މީހާ ހައްޔަރުކުރީ މިދިޔަ އަހަރު މެއި 11 ގައި ރާއްޖެއައި ފްލައިޓަކުން 1.87 ކިލޯގެ ކޮކެއިން އެތެރެކުރަން އުޅެނިކޮށެވެ. އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުންނެވެ.
މި މައްސަލާގައި މީގެ ކުރިން ކޯޓުން ވަނީ ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ނަމަވެސް، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް އޭނާ ޑީޕޯޓް ކުރުމަށް އަމުރުކޮށްފަ އެވެ. އެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާގެ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ބާތިލްކުރީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެނެސް އޭނާ ޑީޕޯޓުކޮށްލުމަށް ޕްރޮސެކިއުޓާ ޖެެނެރަލް( ޕީޖީ) ގެ އޮފީހުން އެދިފައިވާތީ ކަމަށެވެ.
އަދި، ޕީޖީއިން މިގޮތަށް ނިންމީ ކަރެކްޝަނަލް ސާވިސް އޭނާއަކީ ހައްޔަރުކުރި ހިސާބުން ފެށިިގެން ބަލި މީހެއްކަން ފާހަގަކޮށްފައިވާ ކަމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާއަކީ ރާއްޖޭގައި ދެވެން ނެތް ފަރުވާއެއް ކަމަށް އެ އޮފީހަށް މައުލޫމާތު ދީފައިވާތީ ކަމަށްވެސް ކޯޓުން ވަނީ ބުނެފަ އެވެ.













