އަންހެނުން ބާރުވެރިކުރުވުމަށާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރަން ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކިޑްސް ކެއާ ސެންޓަރެއް ހުޅުވައިފި އެވެ.
އެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިއަދު ހުޅުވި އެމްޕީއެލް ކިޑްސް ކެއާ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއްގައި ވަގުތު ހޭދަ ކުރެވޭނެ މަގުފަހިކުރަން ހެދި ތަނެކެވެ.
އެ ސެންޓަރުގައި ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންބުއިމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ އެވެ. އެ ކިޑްސް ކެއާ ސެންޓަރުގައި މިހާރު ވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވާއިރު އެ ތަނަކީ 30 އާއި 40 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް ހިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ.
އެތަނުގެ ހިދުމަތް އެމްޕީއެލްގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާއިރު އެތަން ހުޅުވިފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ރޭގަނޑު 7:00 އާ ހަމަށެވެ.


އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު، މިއަދު ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފަ އެވެ.













