އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ކޮންސެޓުގެ ތެރެއިން މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ ބިރުވެރި ސިފައެއް ޖައްސުވާފައި ހުރި ދެ ކުޑަކުއްޖަކު ސީލިންގެއްގައި ވަލެއް ޖަހައި އެލުވާފައި ތިބި މަންޒަރެވެ.
އިސްތަށިގަނޑުން ދެކުދިންގެ މޫނު އެކީ ފޮރުވިފައިވާއިރު، ލައިގެން ތިބި ހުދު ހެދުމުގައި ލޭ ސިފަކޮށްދިނުމަށް ރަތްކުލަ އުނގުޅާފައި ހުއްޓެވެ. އަދި މުޅިތަން އަނދިރިކޮށްފައި އޮތް އިރު އެ ދެ ކުދިންނަށް ސްޕޮޓްލައިޓު އަޅުވާފައި ހުއްޓެވެ.
ފޮޓޯ ހިއްސާ ކުރި މީހާ ފޮޓޯއާއެކު ލިޔެފައި ވަނީ "ކޮންސެޓަށް ދިޔަ ދަރިވަރުން މި ބަލާފައި ނަފްސާނީ ގޮތުން ގެއްލުން ލިބުނު" ކަމަށެވެ. އެވަގުތު އެތަނުގައި ތިބި ކުދިންތައް ބިރުން ރުއި ކަމަށް ވެސް އޭނާ ބުންޏެވެ.
ހަމަ ހަގީގަތުގައި ވެސް އެ ފޮޓޯ އިން ފެންނަނީ ނުހަނު ބިރުވެރި މަންޒަރެކެވެ. އެއްބަޔަކު ބުނީ ފޮޓޯއިން ފެންނަނީ ކުދިން 'ދަންޖެހިފައިވާ' މަންޒަރު ކަމަށެވެ. އަދި އަނެއް ބަޔަކު އެކަން ސިފަ ކުރީ ކުޑަކުދިންނަށް ދެއްކޭ ވަރަށްވުރެ މާ 'ބިރުވެރި' މަންޒަރެއްގެ ގޮތުގަ އެވެ. މަދު ބަޔަކު ފިޔަވާ އެންމެވެސް ފޮޓޯ ބެލުމަށް ފަހު އެ ކޮންސެޓު ތެރެއިން ދައްކުވައިދިން ބިރުވެރި ޕްލޭ ކުށްވެރިކުރި އެވެ. އަދި އެ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީ ކުށްވެރިކޮށް ވާހަކަ ދެއްކި މީހުން ވެސް މަދެއް ނޫނެވެ.

އަމީނިއްޔާ ސްކޫލް ކުދިން ރޭ ބޭއްވި ކޮންސެޓުގެ ތެރެއިން: ސްކޫލުން ބުނީ ޑްރާމާގެ ސަބަބުން އެއްވެސް ކުއްޖަކު ނަފްސާނީ ހާލަތަށް ގޮސްފައިނުވާ ކަމަށް -- ފޮޓޯ: އަމީނިއްޔާ ސްކޫލް

ނަމަވެސް ސްކޫލުން އެކަމާ ގުޅިގެން ދައްކާ ވާހަކަތައް މުޅިން ތަފާތެވެ. "އަދަދު" އާ ވާހަކަ ދައްކަވަމުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްް ނާޒްލީން ވާފިރު ވިދާޅުވީ ކޮންސެޓުގެ ތައްޔާރީތަކުންް ފެށިގެން ޝޯތައް ފެށިގެން ނިމެންދެއް މަޑުކޮށްފައިވާނެ ކަމަށާއި އެއްވެސް ހިސާބުން އެ ދައްކާ ފާޑުގެ މަންޒަރުތަކެއް ނުފެންނާނެ ކަމަށެވެ.
ނާޒްލީން ވިދާޅުވީ ކޮންސެޓު ކުރިއަށް ގެންދިޔައީ ސްޓޯރީ ލައިނެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ކޮންމެ އައިޓަމެއް ވެސް ގުޅުވާފައި ވަނީ ރޮބޮޓަކާ ކަމަށާއި ދަރިވަރުން ދައްކުވައިދެނީ ރޮބޮޓު ދައްކުވާ މަންޒަރުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަތިރިމަތިން ކުދިބަޔަކު ދަތުރުގޮސްގެން އުޅަނިކޮށް އެތަނުން ޓަސްލާފައި ދިމާވަނީ ރޮބޮޓެއް. ވަރަށް އިމޭޖިނަރީ އެއްޗެއް ގޮތުގަ ރޮބޮޓު މި އަންނަނީ. ކުދިން ބޭނުންވާ އެކި ދިމަ ދިމާއަށް އެ ރޮބޮޓު މި ގެންދަނީ. އެންމެ ފުރަތަމަ ކުދިންނަށް ދައްކުވައިދެނީ 2004 ގަ އުފާވެރިކަމުގެ ތެރޭގައި ދިރިއުޅެމުން ދަނިކޮށް އެ އައި ސުނާމީ ކާރިސާ،" ކޮންސެޓުގެ ހަރަކާތްތައް ގެނެސްދިން ގޮތް އޮޅުންފިލުވައިދެމުން ނާޒްލީން ވިދާޅުވި އެވެ.
ޕްލޭ ފަށަނީ ބިރުވެރި ތަމްސީލެއް ގޮތަށެވެ. އަދި އެ ތަމްސީލުގައި ސްޓޭޖްމަތީގައި އަދި އޯޑިއަންސްގެ ތެރެއިން ވެސް އެކުދިންގެ ބައެއް ހަރަކާތްތައް ފެނިގެން ދިޔަ އެވެ. ފުރަތަމަ ފެންނަނީ ކުދިންނާ ނުލާ ހަދާފައިވާ "ގޯސްޓު" ތަކެއް މަތީގައި އެނބުރޭ މަންޒަރެވެ. އަދި އެއަށްފަހު ލަވައެއް ޖަހާ ލަވައަށް ގިނަ ކުދިންތަކެއްް ނަށާ މަންޒަރު ފެނެ އެވެ. ދެކުދިންގެ ކޮނޑުގައި ވާޖަހާފައި ނަށާ މަންޒަރު ފެންނަނީ މި ހަރަކާތުގެ ތެރެއިންނެވެ.
"ޕްލޭ ކުރިއަށް ދިޔަ ވަގުތު ވަރަށް ފޯރި ނެތް. އެކަމު އެއްވެސް ކުއްޖަކު ރޯ މަންޒަރެއް އަޅުގަނޑެއް ނުދެކެން. މި ޕްލޭއާ ގުޅިގެން އެފަދަ ކޮމެންޓެއްް ވެސް ނުލިބޭ. ބެލި މީހުން ވެސް ބުނީ ވަރަށް ފުރިހަމަ ކަމަށް، ހުނަރުވެރި ކަމަށް،" ނާޒްލީން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ މިފަދަ ކޮންސެޓުތައް ބާއްވަނީ ސްކޫލުތަކުން އިންތިޒާމްކޮށްގެން ކަމަށްވާއިރު، ސްކޫލުތަކުން އެފަދަ ކަންކަން ކުރާއިރު ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން އާންމުންނަށް ދޭކަމަށެވެ.
އަމީނިއްޔާ ސްކޫލުގެ ބިރުވެރި ޕްލޭއާ ގުޅިގެން އެކި ކަހަލަ ހިޔާލުތައް ދައުރުވަމުން ދިޔަ ނަމަވެސް މިއީ މީގެ ކުރިންވެސް ބައެއް ސްކޫލުތަކުގެ ކޮންސެޓުތަކުންނާއި އެހެން ހަރަކާތްތަކުގެ ތެރެއިން މިފަދަ ޕްލޭތައް ކުރިއަށް ގެންގޮސްފައި އެބަހުއްޓެވެ.
ހަގީގަތުގައި އެންމެ ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތައްޔާރުވެގެން ކުދިން ހުށަހަޅައިދިން ތަމްސީލްތަކާއި ޑާންސްތައް ފުރިހަމައީ އެވެ. މިފަދަ ކޮންމެ ކަމަކުންވެސް "ނެގެޓިވް މަންޒަރެއް" ދައްކުވައިދިނުމަށް ބަޔަކު މަސައްކަތްކޮށްފި ނަމަ ކަމުގެ ހަގީގަތް އޮޅިގެންދެ އެވެ.












