އެޗްޑީސީގެ މުވައްޒަފަކު ވަކިކުރީ ތިޖޫރީން ވައްކަން ކޮށްގެން ނޫން ކަމަށާއި, ކުލީގެ ގޮތުގައި ލިބުނު ފައިސާ ބޭނުން ކުރުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީން މިއަދު ބުނީ, އެ ކުންފުންޏަށް ކުލީގެ ގޮތުގައި ލިބުނު ފައިސާ ރިކޮންސައިލް ނުކޮށް, މުވައްޒަފަކު އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށެވެ. އެ ފައިސާ ދެއްކި ކަސްޓަމަރަށް ރިސިޕްޓް ދިނުމަށްފަހު, ފައިސާ ރިކޮންސައިލް ނުކޮށް ނެގި މައްޗަލަ ފެންމަތިވި ހިސާބުން އެޗްޑީސީން ވަނީ މައްސަލަ ބަލާފަ އެވެ.
އެކަމުގައި މުވައްޒަފު އިއުތިރާފުވުމާ ގުޅިގެން އޭނަ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި އެ އަމަލު, އެޗްޑީސީގެ ކައުންޓަރުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށް ވެސް ރިކޯޑްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޗްޑީސީން ބުނީ މިކަން ފެންމަތިވީ އިންޓާނަލް ކޮންޓްރޯލަތަކުގެ ތެރެއިން ރިކޮންސައިލް ކުރަންޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ.
އެޗްޑީސީގެ ތިޖޫރީން ވައްކަން ކުރި ކަމަށް ބުނެ އެކި މަންސަތަކުގައި ފަތުރަމުންދާ ހަބަރު ދޮގުކޮށް އެޗްޑީސީން ބުނީ, ތިޖޫރީން ފައިސާ ނެގުން ފަދަ ކަމެއް ކުރުމުގެ ފުރުސަތު އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ލިބިގެން ނުވާ ކަމަށެވެ. ހަމައެއާ އެކު ކުންފުނީގެ ތެރޭގައި ގާއިމްކޮށްފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން އެފަދަ އަމަލުތަކަށް ފުރުސަތު ލިބިގެން ނުދާނެ ކަމަށް ވެސް އެ ކުންުފުނިން ބުނެ އެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ, މިފަދަ އަމަލުތަކަކީ ކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލުތަކެއް ކަމަށާއި, އެފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދު ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ވައްކަމުގެ މައްސަލައެއްގައި އެޗްޑީސީގެ މުވައްޒަފަކު ވަކިކޮށްފައިވާއިރު, ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގައިގެން އެޗްޑީސީގެ ދަށުގައި އޮންނަ ތިލަފުށީގެ ބިމެއް ވިއްކަން މަސައްކަތް ކުރި މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
އެ މައްސަލަ ވެސް ފެންމަތިވީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓެއްގެ ތެރެއިންނެވެ. އަދި އެ ކުންފުނިން ވަނީ މައްސަލަ ފެންމަތިވުމާއެކު، ފުލުހުންނާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް އެ ކުންފުނިން ނުދެ އެވެ.











