ކުރިއަށް ރޯދަ މަހު މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރު ކުރުމާ ގުޅޭގޮތުން އެ ބަނދަރު އޮޕަރޭޓްކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކުންފުނީގެ މައި މަސްލަހަތުވެރިންނާ މަޝްވަރާކޮށްފި އެވެ.
އެމްޕީއެލުން އިއްޔެ ބޭއްވި 'ސްޓޭކްހޯލްޑާ މީޓިން" ގައި ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރު ބޭނުންކުރުމަށް ރޭވިފައިވާ ގޮތް މަސްލަހަތުވެރިންނާ ހިއްސާކޮށް އެ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ހޯދާފައިވެ އެވެ.
އެމްޕީއެލްގެ މައި މަސްލަހަތުވެރިންގެ ތެރޭގައި ހިމެނެނީ އިމްޕޯޓަރުންނާއި ޝިޕިން އެޖެންޓުން އަދި މަޖޫރީންނެވެ. އޭގެ އިތުރުން އެ ބައްދަލުވުމުގައި އެ ކުންފުނީގެ އިސް ވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެގޮތުން، ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އިތުރުވާ މަހެއް ކަމުން އެ ކުންފުނީގެ އަމާޒަކީ އެހެން އަހަރުތަކެކޭ އެއްގޮތަށް ވިޔަފާރިވެރިންގެ މުދާ އަވަހަށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް ރޭވުން ކަމަށެވެ. އެގޮތައް ރޭވެމުންދާ ކަންކަމުގެ ތަފުސީލު ވެސް ޝާހިދު ވަނީ ހިއްސާ ކުރައްވާފަ އެވެ.
އޭގެ އިތުރުން އިއްޔެގެ ބައްދަލުވުމުގައި މަސްލަހަތުވެރިން ވަނީ އެފަރާތްތަކުގެ މަސައްކަތްތަކުގައި މިވަގުތު ހުރި ދަތިތައް ހިއްސާކޮށް އެމްޕީއެލްއާއެކު އެކަންކަމަށް ހައްލު ހޯދުމަށް ވެސް މަޝްވަރާކޮށްފަ އެވެ.














