އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް ލިބުނު ފައިސާ ލޯންޑާ ކޮށްފައިވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެއީ، އެމްއެމްޕީއާރުސީގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް އޭނާއަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އެގޮތުން، އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި ހުރެ މޫސާ އަލީ ޖަލީލު ހޯދާފައިވާ ފައިސާ ކަމާއި، އެ ފައިސާ މޫސާ އަލީ ޖަލީލުގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
އެއީ 1،000،000ރ. ކަމަށް ތަހުގީގަށް އެނގިފައިވާއިރު އެ ފައިސާ ހޯދުމަށް އެމްއެމްޕީއާރުސީއަށް ވަނީ އަންގާފަ އެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވާފައި ވަނީ ގާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުންނެވެ.













