ބަންޑާރަ ގޯއްޗެއްގެ މިލްކުވެރިކަން މީގެ 40 އަހަރު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ލ. ފޮނަދޫ އަލަމާގޭގެ މިލްކުވެރިކަމާ ގުޅޭގޮތުން ދައުވާކުރެވުނު މައްސަލައެއްގަ އެވެ. އެ ގޯއްޗަކީ ފޮނަދޫ މީހަކަށް އެރަށުން ދޫކޮށްފައި އޮތް ގޯއްޗެކެވެ. ގޯތި ލިބުނު މީހާ މަރުވިއިރު، އޭނާގެ ތިބި 3 އަންހެން ދަރިންނާއި 1 ފިރިހެން ދަރިންގެ ތެރެއިން، ގޯތީގެ މިލްކުވެރިކަން ލިބުނީ ފިރިހެން ދަރިއަށް އެކަންޏެވެ.
މި މައްސަލަައިގައި ދައުވާކުރީ މަރުވި މީހާގެ އަންހެން ދަރިއެކެވެ. އޭނާ މިމައްސަލަ ފުރަތަމަ ހުށަހެޅީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން މައްސަލަ ބަލައި ހުކުމް ކުރީ، އެ ގޯތީގެ މިލްކުވެރިކަން ބަދަލުކުރީ އޭރު ހުންނެވި އަތޮޅުވެރިޔާގެ އެންގުމަށްކަމަށްވާތީއާއި، އެއީ އެދުވަސްވަރު އަމަލުކުރަމުން ގެންދިޔަ ގޮތްކަމަށްވާތީ، ގޯތީގެ އަސްލު ވެރިފަރާތުގެ ނަން ޓިޕެކްސް ޖަހައި، ފޮތުން ކެނޑުމަށްފަހު އޭނާގެ ފިރިހެން ދަރީގެ ނަމަށް ބަދަލުކުރިކުރުން ބާތިލުކަމަށް ކަނޑައަޅާނޭ ތަނެއް ނެތްކަމަށެވެ.
މައްސަލަ ހުށަހެޅި މީހާ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިނަމަވެސް ހައިކޯޓުންވެސް މައްސަލަ ނިންމީ އޭނާއާ ދެކޮޅަށެވެ. ހައިކޯޓުން ނިންމީ ފޮނަދޫ ރަށު އޮފީހުން އަމަލުކުރީ އޭރު އަމަލުކުރަމުން ގެންދިޔަ އިޖުރާއަތުގެ ތެރެއިން ކަމަށްވާތީ ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން އެ މައްސަލައިގައި ނިންމި ގޮތް ރަނގަޅު ކަމަށެވެ. ހައިކޯޓުން މިގޮތަށް ނިންމުމުން މައްސަލަ ހުށަހެޅި މީހާ ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގޯތި ފުރަތަމަ ދޫކުރި ފަރާތް 1979 ގައި މަރުވުމުން، އޭރު އެ އަތޮޅުގެ އަތޮޅުވެރިޔަކަށް ހުރި ފަރާތުން، މަރުހޫމުގެ ހަތަރު ދަރިން ( 3 އަންހެން ދަރިންނާއި، 1 ފިރިހެން ދަރި) ގެ ތެރެއިން ފިރިހެން ދަރިއަށް ގޯތީގެ މިލްކުވެރިކަން ބަދަލުކުރުމަށް އަންގާފައިވަނީ ޝަރުއީ އެއްވެސް ލިޔުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި ފޮނަދޫ ރަށު އޮފީހުން އޭރު ގޯތީގެ ރަޖިސްޓްރީ ފޮތުގައި، އެ ގޭގެ ވެރިފަރާތްކަމުގައި އޮތް މަރުވި ފަރާތުގެ ނަމުގެ މަތީގައި ޓިޕެކްސް ޖަހައި އޭނާގެ ފިރިހެން ދަރީގެ ނަން ޖެހި ކަމަށްވެސް ހުށަހެޅި ދައުވާގައި ބުނެފައިވެ އެވެ.
މީގެއިތުރުން، އެ ގޯތީގެ ވެރިފަރާތް ފޮނަދޫ އޮފީހުން ބަދަލުކުރީ މަރުވި ފަރާތުގެ ވާރިސުންގެ ތެރެއިން ގޯތި ލިބުނު ފިރިހެން ދަރި ފިޔަވައި އެހެން ވާރިސުންގެ ރުހުން ނެތިކަން ހެކިބަހުން އިނގޭ ކަމަށްވެސް ދައުވާ ހުށަހެޅި ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް، ދައުވާ ރައްދުވި ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ގޭގެ ރަޖިސްޓްރީ އޭނާގެ ބައްޕަގެ ނަމުގައި ފުރަތަމަ އޮތް ކަމަށް ބުނި ނަމަވެސް ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ އެކުލަވާލަން ފެށީ 1970 ގެ އަހަރުތަކުގާ ކަމަށާއި އެ ގޭގެ ރަޖިސްޓްރީއެއް ފުރަތަމަ ހަދާފައިވަނީ އޭނާގެ ނަން މަތީގައި ކަމަށެވެ.
އަދި، އޭރު ފޮނަދޫ އޮފީހުގައި މަސައްކަތް ކުރި މުވައްޒަފުން މަރުވެ ގޮސްފައިވާއިރު، ރަޖިސްޓްރީ ފޮތުގައި ޓިޕެކްސް ޖަހާފައިވާތަނުގައި އޮތީ އޭނާގެ ބައްޕަގެ ނަންކަން އިނގޭނެ ގޮތެއް ނެތް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
މީގެއިތުރުން، އޭނާ އެ ގޯތީގައި ގެ އަޅައި ދިރިއުޅެމުންދާތާ މިހާރު 40 އަހަރުވެފައިވާ ކަމަށާއި އޭނާގެ ދައްތަ މި ދައުވާނުކޮށް 40 އަހަރު މަޑުކުރި ސަބަބެއް އޭނާއަށް ނޭނގޭ ކަމަށްވެސް ދައުވާ ލިބޭ ފަރާތުން ބުނެފައި ވެ އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ މި މައްސަލާގައި ހައި ކޯޓުންނާއި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި އޮތީ މި ގޯތީގެ މިލްކުވެރިކަން މިހާރު އޮތް ފަރާތަށް ނަގުލުވެފައިވަނީ ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމުގައި ޒަމާނުއްސުރެ އަމަލުކުރަމުންދާ އިޖުރާއަތުތަކާ ހިލާފަށް، ނައިބުގެއެއް ނުވަތަ ފަނޑިޔާރުގެއަކުން މައްސަލަ ބެލުމެއްނެތިކަމަށެވެ. ގޯއްޗެއްގެ މިލްކުވެރިކަމަކީ ޝަރުއީ މަރުހަލާއެއް ނެތި ބަދަލުކުރެވޭނޭ ހައްގެއް ނޫންކަމަށްވެސް ހުކުމުގައި ކަނޑައަޅާފައި ވެ އެވެ.
ކޯޓު މެދުވެރިވެގެން ނޫން ގޮތަކަށް، ވިއްކުމަކުން، ހިބައަކުން ވަސިއްޔަތަކުން ނުވަތަ ތަރިކައަކުން ވިޔަސް ބިމުގެ މިލްކުވެރިކަން އެހެން މީހެއްގެ މައްޗަށް ނަގުލެއް ނުކުރެވޭނެ. ރަސްކަލަކު މީހަކަށް ބިމެއް ދިނަސް އަދި ވަކި ބޭނުމަކަށް ހާއްސަކުރިޔަސް، ރާއްޖޭގެ އާދަކާދަ ނިޔާކުރާގޮތުން އެކަން ކުރަނީ ފަނޑިޔާރަކު ހެކިކޮށް ވަކި ގޮތަކަށް ލިޔާ ފަތަކުން ؛ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ނިޔާއަކީ، އެ ގޯތީގެ ރަޖިސްޓްރީ މިހާރު އޮތް ފަރާތަށް މީގެ 40 އަހަރުކުރިން ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ އޭނާގެ ނަމުގައި އެ ގޯއްޗަށް ހަދާފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާތިލުކުރުމެވެ. އެ ގޯތީގެ މިލްކުވެރިފަރާތަކީ މިހާރު ވެރިފަރާތްކަމުގައި އޮތް ފަރާތުގެ ބައްޕަ ކަމަށްވެސް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ.
މީގެއިތުރުން، މި ހުކުމާއެކު ދެން ފޮނަދޫ ކައުންސިލުން އެ ގޯތީގެ ރަޖިސްޓްރީ ހަދަައިދޭންވާނީ މަރުވި ފަރާތުގެ ނުއުފުލޭ މުދަލުގެ ތަރިކައިގެ މައްސަލަ ހަމަޖައްސައި، ބިމާބެހޭ ގާނޫނާއި ތަރިކައިގެ އުސޫލުގެ ދަށުން އެ މުދާ ލިބިދޭ ފަރާތްތަކުގެ ނަމުގައި ކަމަށްވެސް ފަނޑިޔާރު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެ އެވެ. ސުޕްރީމް ކޯޓުގައި މިމައްސަލައިގެ ރިޔާސަތު ބަލަހައްޓަވައި، މައި ރައުޔު އިއްވެވީ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. އެ ފަނޑިޔާރުގެ ރައުޔަށް ފަނޑިޔާރު އާއިޝާ ޝުޖޫންއާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ތާއީދުކުރެއްވި އެވެ.











