ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ 520 ގްރާމުގެ މަސްތުވާތަކެތި ހުރި ޕެކޭޖު އަތުލައިގަނެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މަސްތުވާތަކެތި ހުރި ޕެކޭޖު ރާއްޖެ އެތެރެކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ.
މިތަކެތި ކަސްޓަމްގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލުކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާ އެކު 520 ގްރާމު ހުރިއިރު, އެތަކެތީގެ މަގުމަތީގެ އަގު ނުވަ ލައްކައަށް އަރަ އެވެ.

މިހާރު މިކަންް އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފަ އެވެ.
ކަސްޓަމުންް ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ރާއްޖެ އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތައް ފަހަރެއްގެ މަތިން އަތުލައިގެންފައިވެ އެވެ. ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކުގެ ތެރޭގައި، އިންޑިއާ، ޕާކިސްތާނު، އިނގިރޭސިވިލާތް އަދި ބްރެޒިލް ހިމެނެ އެވެ.












