ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނުނަގައިފި ނަމަ އެ ކޯޕަރޭޝަނުން އުޅަނދުތައް އެތަނުން ނަގާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު އަންގައިފި އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގުޅިފަޅާއި ތިލަފުށީ ފަޅުގައި ހުއްދަ ނުނަގައި އަޅާފައި ހުރި އޮޑިދޯނިފަހަރު ނެގުމަށް ކިތަންމެ ފަހަރަކު މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ އުޅަނދުތައް އެ ކޯޕަރޭޝަނުން ނެގުމަށް މިހާރު އުސޫލެއް އެކުލަވާލާފައިވާ ކަމަށާއި ދެން އެފަދަ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި އުޅަނދުތައް އެ ސަރަހައްދުގައި ހުރުމުން މި ކޯޕަރޭޝަން އަދި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް ޕްރޮޖެކްޓަކަށް ހުރަސް އެޅި އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ، އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް ދަނީ ވަރަށް ބޮޑަށް ގެއްލުންވަމުން،" އެ ބަޔާނުގައިވެ އެވެ.
އެޗްޑީސީން ބުނީ ގުޅިފަޅާއި ތިލަފުށީ ފަޅުގައި އެއްވެސް އުޅަނދެއް ނުވަތަ މުދަލެއް ބަހައްޓާފައިވާ ފަރާތެއްވާ ނަމަ 1516 އަށް ގުޅައިގެން އެ ތަކެތި ނެގުމަށް އިލްތިމާސް ކުރާ ކަމަށެވެ.










