ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވަމުން އަންނާތީ ސަމާލުވާން އެދިއްޖެ އެވެ.
އެޗްޑީސީއިން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ނަމުގައި ބައެއް މީހުންނަށް އެކި ކަަހަލަ ލިންކުތައް ހިމެނޭ މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ. މިފަދަ މެސެޖުތައް އެޗްޑީސީއިން ނުފޮނުވާނެ ކަމަށް ބުނެފައި ވެއެވެ.
އެޗްޑީސީގެ ނަމުގާ ބައެއް ނަންބަރުތަކަށް ގުޅަމުން ދަނީ 7240232 މި ނަންބަރުންނެވެ. މި ނަންބަރުން އަންނަނީ ގުޅާ ޒާތީ މައުލޫމާތާއި ފޯނަށް އަންނަ ކޯޑެއް ހިއްސާކޮށްދިނުމަށް އެދެމުންނެވެ.
ރާއްޖޭގައި މިފަދަ ކޯލުތައްކޮށް މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ބައެއް ފަހަރު ފޯނަށް އަންނަ ކޯޑުފަދަ ތަކެތި ހިއްސާކުރުމުން ބޭންކު އެކައުންޓުން ވައްކަންކޮށްފައި ވެސް އެބަހުއްޓެވެ. އަދި ބޮޑެތި ކުންފުނިތަކުގެ ނަމުގައި ލަކީ ޑްރޯތަކުން އަގުބޮޑެތި އިނާމު ލިބޭކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަންވެސް މަސައްކަތްކޮށްފައި އެބަހުއްޓެވެ.
ދާދިި ފަހުން ވެސް ވަނީ އީމެއިލް މެދުވެރިކޮށް ބޭންކު އެކައުންޓުތަކަށް އެކްސެސްވެ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލަތަކެއް ފެންމަތިވެފަ އެވެ.

މިފަދަ ކަންކަމާ ގުޅިގެން ބޭންކުން އަދި ކުންފުނިތަކުން އަންނަނީ އެފަދަ މެސެޖުތަކާއި ފޯނުކޯލުތަކަށް ސަމާލުވުމަށް އެދިފަ އެވެ.











