މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ / ސަނީލޮޖް، އަލީ އާރިފް (46އ) ފެނިއްޖެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ, އިއްޔެ އެވެ. އާއިލާއާ ހަވާލާދީ އިއްޔެ ފުލުހުން ބުނީ އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށާއި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.
އޭނާއަކީ ކަންނެލި މަސްވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
ފުލުހުން މިއަދު ބުނީ އާރިފް މިހާރު ފެނިފައިވާ ކަމަށާއި, އަދި އޭނަގެ އާއިލާއަށް އޭނައާ ގުޅިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ މާލެ ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އާރިފް ފެނުނު އިރު އޭނަގެ ހާލު ރަނގަޅު ކަމަށެވެ.

ގެއްލިގެން ހޯދަނިކޮށް އާރިފް ފެނިފައިވީ ނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ފަހުން ވީނުވީ އެއް ނޭނގި ގެއްލިގެން ހޯދަމުންދާ އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެނެ އެވެ.
މަތިވެރިން ގެއްލުނު ހަސަންފުޅުގެ ހަބަރެއް އަދިވެސް ވެފައި ނުވާއިރު އޭނާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.













