ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ.
ދުވާފަރު ކައުންސިލުން ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައި، ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކުރި މައްސަލައިގައި އޭސީސީން ވަނީ އެރަށަށް ގޮސް ތަހުގީގު ހިންގާފަ އެވެ.
ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާ ގުޅިގެން، މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވީ މިދިޔަ އޮގަސްޓު މަހުގެ 25 އިން ސެޕްޓަމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ޑިއުޓީ ޕްރޮސެކިއުޝަނަށް މައްސަލަ ހުށަހަޅައިފައިވެ އެވެ.
އޭސީސީން މިއަދު ބުނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދައުވާކޮށްދިނުމަށް ނިންމާފައިވާ އަށް މީހުންގެ ތެރޭގައި އެ ކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނޭ ކަމަށެވެ.

ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ކައުންސިލްގެ ރައީސް ހަސަން ހަކީމް، ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު، ކައުންސިލްގެ އޭރުގެ މެންބަރު އަހުމަދު ސަމޫހު، ކައުންސިލްގެ މެންބަރު މުހައްމަދު ޝާމް، ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް، ކައުންސިލްގެ މެންބަރު އާމިނަތު ސޮލާހު، ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހުގެ އިތުރުން ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު، މުހައްމަދު އަލިފުޅުގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ދައުވާކުރުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މައްސަލައިގެ ފަސްފަހަތް
މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ މެންބަރުން ސަސްޕެންޑުކޮށްފައިވެ އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓުގައި ވަނީ ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ. އަދި ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅީ ވެސް އެލްޖީއޭ އިންނެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމާއި އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރި އެވެ. އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަން ވެސް ފާހަގަކުރި އެވެ.
ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.
މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.
އޭގެ އިތުރުން ކައުންސިލު ހިންގަން ކަނޑައަޅާފައިވާ އިދާރީ ހަމަތަކާ އެއްގޮތަށް ކައުންސިލު ނުހިންގާ މައްސަލަތައް ވެސް ގިނަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ ލާމަރުކަޒީ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.
ހަމައެހެންމެ މުސާރަ އާއި އިނާޔަތް ދިނުމާއި ޗުއްޓީ ދުވަސްތައް ނެގުމުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ގިނަ ހަފުތާތަކުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ގަވާއިދުން ބާއްވަން ޖެހޭ ޖަލްސާ ވެސް ނުބާއްވަ އެވެ.













