ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުސޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށް ދައުވާކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، މިހާރު ކ. އަތޮޅު ކައުންސިލްގެ ރައީސް މަގާމުގައި ހުންނެވި ނިމާލުގެ އިތުރަށް ތިން މީހެއްގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އޭސީސީން ފޮނުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން "އަދަދު" ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މިހާރު އެ މައްސަލާގައި ނިމާލަށް ވަނީ ދައުވާ ކޮށްފަ އެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މި މައްސަލާގައި ދައުވާ ކުރަން އެދޭ އަނެއް ތިން މީހުން
- ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި މިންހާޖު ވަޙީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)
- ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)
- ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)
އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާ ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން އެނގިފައިވާ ކަމަށެވެ.
"އަދި އެ އެއްބަސްވުންތަކާއި ފެނަކަގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީހުގައި މުދާ ޑެލިވާ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވާކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުންތަކާ ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ އަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުގީގަށް އެނގެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭސީސީން އިތުރަށް ބުނި ގޮތުގައި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަން ޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފެނަކައަށް ގެއްލިފައިވާކަން އެންގެން އޮވެ އެވެ.
އެހެންކަމުން، އެ ހަތަރު މީހުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.













