ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގައި ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލަތަކާއި ގަވާއިދުތަކެއް އެ ކުންފުނިން ކަނޑައަޅާފައިވާ އޮންނަ ކަމަށެވެ. އެގޮތުން ފިނިޝިން މަސައްކަތްތައް ކުރުމަށް އުސޫލުތަކެއް ހެދިފައި އޮންނަ ކަމަށާއި، މަމާރާތުގެ ސްޓަރަކްޗައަށް ގެއްލުންވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން ވަނީ މަނާ ކުރެވިފައިވާ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
އަދި އިމާރާތް ބޭނުންކުރުމުގައި ވެސް އެހެން ފަރާތްތަކަކަށް އުނދަގޫ ނުވާނޭ ގޮތައް އިމާރާތް ބޭނުން ކުރުމަށް ހެދިފައިވާ އުސޫލުގެ ދަށުން ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯ ކަނޑައެޅިފައިވާކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް، މި އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް އެޗްޑީސީއިން އެކި ފަހަރުމަތިން ހިންގާފައިވާ އިންސްޕެކްޝަންތަކުން މި އުސޫލުތަކާއި ގަވާއިދުތަކަށް ހިލާފުވާ ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"މިގޮތުން، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ވަނީ މި އިންސްޕެކްޝަންތަކުން ފާހަގަކުރެވިފަ," އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދައިން ގަވާއިދާއި އުސޫލުތަކާ ހިލާފުވާ ފަރާތްތައް ނިސްބަތްވާ އެޕާޓުމަންޓުތަކާ ޔުނިޓުތައް ވަނީ ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އުސޫލުތަކަށް ތަބާވޭތޯ ބެލުމަށް އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސް އެކަންކަމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.
"އެޗް.ޑީ.ސީގެ އަމާޒަކީ ހުޅުމާލެއަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ގާއިމު ކުރެވިފައިވާ ރަށަކަށް ހެދުން، އަދި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު," އެ ކުންފުނިން ބުނެފައިވެ އެވެ.












