ކްރިމިނަލް ކޯޓު ހިންގަމުން އަންނަ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ އިމާރާތް ވަގުތުން ބަންދު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ނިންމުން ނިންމާފައި ވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓު ހިންގަމުން އަންނަ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ އިމާރާތް ބަންދު ކުރުމަށް ނިންމާފައި ވަނީ އެ އިމާރާތް ބާވެ ހަލާކުވެފައި ވާތީ އިތުރަށް އެތަން ބޭނުން ކުރުމަކީ ރައްކާތެރިކަމެއްތޯ ބެލުމަށް ކަމާބެހޭ މަހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުގައި ކަމަށެވެ.
ކްރިމިނަލް ކޯޓު ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތަކީ ކުރީގެ އެސްޓީއޯ ހިންގަމުން އައި ބާ އިމާރާތެކެވެ. އެ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލު ކުރީ މީގެ ހަތް އަހަރު ކުރިން ރައީސް ޔާމީނުގެ ވެރިކަމުގެ އެވެ.
އެ އިމާރާތުގެ ފާރުތަކުގައި ރެންދުއަޅައި ފުރާޅުން ފެން ފޭބުމުގެ ސަބަބުން ބައެއް އަޑުއެހުންތައް ވެސް ކެންސަލް ކުރަންޖެހިފައިވެ އެވެ. އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވެ އެވެ.

އެހެންނަމަވެސް މިއަދާ ހަމައަަށް ވެސް ކްރިމިނަލް ކޯޓު އެހެން ތަނަކަށް ބަދަލު ނުކުރެވި ހުރީ ބަޖެޓުގެ ދަތިކަމާ ހުރެ އެވެ.
ކްރިމިނަލް ކޯޓު ހިންގަމުން އަންނަ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ އިމާރާތް ބަންދު ކުރި ނަމަވެސް އެކްސްޓެންޝަން އިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތުގައި ކުރެވޭނެ މަސައްކަތްތައް ބަލައި، ތަރުތީބުކޮށްގެން ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީން ނިންމާފައިވެ އެވެ.
އަދި ކޯޓުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެންނާއި ޝަރީއަތްތަކާއި ކޯޓުން ދޭ ބައެއް ހިދުމަތްތައް އޮންލައިންކޮށްގެން ކޯޓުގެ ހިދުމަތް ވީހާވެސް ފުރިހަމައަކަށް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް ކަންކަން ރޭވުމަށް ވެސް އެ ކޮމިޝަނުން ނިންމާފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އެގޮތަށް ކުރަން ނިންމާފައި ވަނީ އެ ކޯޓު އެހެން އިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ނިމެންދެނެވެ.












